އިންގްލިޝް ޕްރމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ބްރޫނޯ ފެނާންޑޭޒްގެ ހެޓްރިކާއެކު ޔުނައިޓެޑުން ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑު އޯލްޑްޓްރެފަޑްގައި ކުޅުނު މިމެޗް ޔުނައިޓެޑުން ކާމިޔާބުކުރީ 5 ލަނޑު އެއް ލަނޑުންނެވެ.
ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ޕޯލް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭޒްއެވެ. މިލަނޑާއެކު ޔުނައިޓެޑްގެ ކުޅުން އިތުރަށް ރަނގަޅުވެގެން ދިޔަ ނަމަވެސް ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ދެވަނަ ހާފްގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓްގައި ލީޑްސްގެ ލޫކް އެއިލިންގ ކާމިޔާބު ކުރި ލަނޑައެކު ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންގޮސް މިދިޔަ ސީޒަންގައި ލީޑްސްގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުން ފެނިގެން ދާނެކަމަށް ބެލެވެން ފެށިއެވެ. ނަމަވެސް މިލަނޑު ޖެހިތާ ތިން މިނެތް ފަހުން ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް މިމެޗްގައި ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ. އަދި މެޗްގެ 54 ވަނަ މިނެޓްގައި އަނެއްކާވެސް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފެނާންޑޭޒް މިމެޗްގައި އޭނާގެ 2 ވަނަ ލަނޑު ކާމިޔާބުކުރިއެވެ.
މިމެޗްގައި ޔުނައިޓެޑުން ޖެހި 4 ވަނަ ލަނޑު އަދި ފެނާންޑޭޒްގެ ހެޓްރިކް ހެދީ 60 ވަނަ މިނެޓްގައި ކާމިޔާބުކުރި ލަނޑުންނެވެ. މިމެޗްގައި ޔުނައިޓެޑުން ޖެހި ފަސްވަނަ ލަނޑު ޕޮގްބާ މިމެޗްގައި ތަނަވަސްކޮށްދިން ހަތަރު ވަނަ ފުރުސަތުގައި ޖަހާދިނީ ފްރެޑްއެވެ.
މިފަސް ލަނޑާއެކު ޔުނައިޓެޑް މިވަގުތު އޮތީ ތާވަލްގެ 1 ވަނައިގައެވެ.