ޚަބަރު

ވެކްސިންޖެހޭނެ 40 ހާހެއްހާ ދަރިވަރުން އެބަތިބި: އެޑިއުކޭޝަން


ގާތްގަނޑަކަށް 40000 ދަރިވަރުންނަކީ ކޯވިޑް އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހޭނެ ދަރިވަރުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އުމުރުން 12 އަހަރުން މަތީގެ ސްކޫލް ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފާށާފައިވާއިރު އެ ދަރިވަރުންނަށް ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒަރ ވެކްސިންނެވެ.

ސްކޫލް ދަރިވަރުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމައްސާފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ހެލްތް މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންނެވެ. އަދި ވެކްސިން ޖަހަން ދަރިވަރުން ފޮނުވުމާއި ވެކްސިން ޖެހުމާ ގުޅޭ މަޢުލޫމާތުތައް ބެލެނިވެރިންނާއި ދަރިވަރުންނަށް ހިއްސާ ކުރަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތައް ގުޅިގެންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ސްކޫލްތަކުން ބެލެނިވެރިންނާއި ދަރިވަރުންނަށް އަންގަމުންދާނޭކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ސްކޫލެއްގެ ހުރިހާ ދަރިވަރުންނަށް ވެކްސިން ޖެހުން ކުރިއަށްދާއިރު، މިމަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށްވެސް ވެކްސިން ޖަހާ ނިންމާލުމަކީ އަމާޒެއްކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ މިވަގުތު ކިޔަވަމުންދާ ދަރިވަރުންނަށް ވެކްސިން ދިނުމަށްފަހު، މިއަހަރު އޯލެވެލް ނިންމި ދަރިވަރުންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެކަމަށެވެ.

"މިހާރު އެ ސްކޫލްއެއްގައި ކިޔަވަމުންދާ ދަރިވަރުން ނިމުމުން ގްރޭޑް 10 ނިންމި ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާނެ. ބެލެނިވެރިންނަށް އެންގުމާއި، ދާން ޖެހޭ ތަންތަނާއި ، ވަގުތު އަންގަމުންދާނެ. " ސްޓޭޓް މިނިސްތަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދު ވިދާޅުވީ ވެކްސިން ޕްރޮގްރާމް ފެށުމުގެ ގޮތުން ސްކޫލްތަކަށް ބޭނުންވާ ވެކްސިންތައް ފޯރުކޮށްދީފައިވާކަމަށެވެ. މުޖާހިދު ވިދާޅުވީ ދަރިވަރުން ވެކްސިން ޖަހަން ގޮސް ކިއުއެއްގައި ޖެހެން ނުޖެހޭނެކަމަށާއި ދަރިވަރުން ވެކްސިން ޖަހަން ދާނީ އެ ދަރިވަރަކަށް ދީފައިވާ ވަގުތެއްގައިކަމަށެވެ. މިގޮތުން 30 މިނެޓްގެ ތެރޭގައި 100 ވަރަކަށް ދަރިވަރުންނަށް ވެކްސިން ޖެހޭނެކަމަށް ލަފާކުރެވޭކަމަށް މުޖާހިދު ވިދާޅުވިއެވެ.

" މާލޭ ސަރަޙައްދުގައި ހެލްތް އޮފިސަރުން ތަމްރީން ކޮށް ނިންމާފައިވާނީ. އިތުރު ސްކޫކްތަކުގައިވެސް ކުރިއަށް ގެންދޭނަ. ވެކްސިން ދިނުމުގައި ހަރަކާތްތެރިވާނީ އެޗްޕީއޭގެ ޓީމުން. މާލެ ސަރަޙައްދުގައި ދެ ހަފްތާއަކަށް ބަހާލައިގެން ވެކްސިންގެ ކަންތައްތައް ކުރިއަށްދާނެ. އަތޮޅުތަކުގައި ވެކްސިން ސެންޓަރެއްގެ ގޮތުގައި ސްކޫލްތައް ބޭނުން ކުރާނެ."އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދު

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާލެ ސަރަޙައްދާއި އަތޮޅުތަކުގައިވެސް ވެކްސިން ސެންޓަރުތަކުގައި ޑޮކްޓަރުން ތިއްބަވާނެކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވެކްސިން ޖެހުމަށް ދަރިވަރުންދާއިރު، ރަނގަޅަން ކައިގެން ދިއުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128600 ޑޯޒް ފައިޒަރ ވެކްސިން މިމަހުގެ 9 ވަނަ ދުވަހު ވަނީ ރާއް ޖެގެނެސްފައެވެ. މި ވެކްސިން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެއާއި އަތޮޅުތަކުގައި ޖަހަން ފަށާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. ފައިޒަރ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއްކަމުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުން ހިމެނޭހެން ޖުމްލަ 5 ގްރޫޕެއްގެ ބަޔަކަށް މި ވެކްސިން ޖެހުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމާފައެވެ.