ޚަބަރު

ނިޔާމަ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ވޯޓަރ ވިލާއަކަށް ބޮޑެތި ގެންލުންތަކެއް


ދ. އަތޮޅުގައި ހިންގަމުންދާ ނިޔާމަ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާ، އެ ރިސޯޓުގެ ވޯޓަރ ވިލާއަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ މި ޙާދިސާގެ މަޢުލޫމާތު ރިޕޯޓުކޮށްފައިވަނީ މިރޭ ގާތްގަނޑަކަށް 20:50 ހާއިރުކަމަށެވެ. އަދި އަލިފާންގަނޑު ނިއްވާލުމަށް އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ކުރި މަސައްކަތުން، އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވަނީ މިރޭ 21:20 ހާއިރުކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.

ނިޔާމަ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވެފައިވަނީ ވޯޓަރ ވިލާގެ ޕެވީލިއަން 52 ގައެވެ. މި ހާދިސާގައި ޕެވީލިއަންގެ މަތިވަޑާންގަނޑާއެއްކޮށް އޮނިގަނޑުގެ ބައެއް އަނދާފައިވާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. ނަމަވެސް އިތުރު ރޫމަކަށް އަލިފާނުގެ އަސަރުކޮށްފައިނުވާކަމަށްވެސް އެމް.އެން.ޑީ.އެފުން މަޢުލޫމާތުދެއެވެ.