ހޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އެއް ޕްރެންޗައިޒަކީ " ހެރީ ޕޮޓަރ" ކަން ޔަގީންނެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޭކޭ ރޯލިންގެ ވާހަތަކަށް ނެރެން ފެށި މި ސިރީޒްގެ ފުރަތަމަ ފިލްމު ނުކުން ފަހުން މިވަނީ ގާތްގަޑަކަށް 25 އަހަރުވެފައެވެ.
މި ފްރެންޗައިޒުން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދި ތަރިންނަކީ އޭރު ވަރަށް ކުޑަކުދިންނެވެ. މީގެތެރެއިން ބައެއް ކުދިންނަކީ އޭރުވެސް މަޝްހޫރުކަން ހޯދާފައިވާ ކުދިންނެވެ. އަނެއް ކުދިންނަށް މި ފިލްމުން ލިބުނު މަޝްހޫރުކަން ކުޑައެއްވެސް ނޫނެވެ. އެހެންނަމަވެސް މި ތަރިން މިހާރު ކޮބާ ބާވައެވެ.
ހެރީ ޕޮޓަރގެ ގޮތުގައި ޑެނިއަލް ރެޑްކިލްފް ފެނިގެން ދިޔައީ އުމުރުން އެންމެ 11 އަހަރުގައެވެ. ހެރީ ޕޮޓަރގައި އޭނާ ދައްކައިދިން ރޯލަށް އެތައް ބައެއްގެ ތައުރީފު ލިބުނެވެ. ހެރީ ޕޮޓަރގެ ކާމިޔާބީއަށްފަހު ޑެނިއަލް ދެން ފެނުނީ 2007 ވަނަ އަހަރު ނުކުތް "އެކުއެސް" އިންނެވެ. އެ ފިލްމުގައި ޑެނިއަލްގެ ބައެއް ނޭކަޑް ސީންތައް ހުރުމުން އެތައް ބައެއްގެ ފާޑިކުޔުންތައް އޭނާއަށް އަމާޒުވިއެވެ. އޭރު އެނާގެ އުމުރުން އެންމެ 17 އަހަރެވެ.
ފާޑުކިޔުންތަކާއި ގުޅިގެން ޑެނިއަލް އެނާ ކުޅޭ ފިލްމުތައް ތަފާތުކޮށްލިއެވެ. މިގޮތުން އެނާ ދެން ފެނިގެންދިޔަ ފިލުމުތަކުގެ ތެރޭގައި 2011 ވަނަ އަހަރު ނުކުތް ބިރުވެރި ފިލްމު " ދަ ވުމަން އިން ބްލެކް" އަދި 2013 ވަނަ އަހަރު ނުކުތް ބައިގޮރޮފިކަލް ޑްރާމާ "ކިލް ޔޯ ޑާރލިންގްސް" ހިމެނެއެވެ. އަދިވެސް މި ނޫން ބައެއް ސީރީޒްތަކުންވެސް ޑެނިއަލް ފެނިގެންގޮސްފައިވެއެވެ.
ޑެނިއަލް އެންމެ ފަހުން ފެނުނު ފިލްމުތަކުގެ ތެރޭގައި ބޮލޮކްބަސްޓަރ " ނައު ސީ މީ "ގެ ސީކުއެލް ހިމެނެއެވެ.
ކުޑަކުޑަ ލޯބި އެމާވެސް ހެރީ ޕޮޓަރގެ ކާސްޓްގައި ހިމެނުނީ އެންމެ 11 އަހަރުގައެވެ. އޭރުވެސް އެތައް ބައެއްގެ ހިތުން ޖާގަ ހޯދި މި ތަރީގެ މިހާރުގެ އުމުރަކީ 31 އަހަރެވެ. ހެރީ ޕޮޓަރގައި ފެނުނު މޮޅު އެކްޓިންނަށްފަހު އަދިވެސް މި ދާއިރާގައި މަސައްކަތް ކުރަމުން އަންނަ އެމާ ވަނީ ގިނަ ފިލްމަތަކުން ޖާގަ ހޯދާފައެވެ.
އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ " ދަ ޕާކްސް އޮފް ބީން އަ ވޯލް ފްލަވަރ" ، 2013 ވަނަ އަހަރު ނުކުތް "ބްލިންގް ރިންގް " އަދި ޑިޒްނީ ކާޓޫނަށް 2017 ވަނަ އަހަރު ނެރުނު ހިޓް " ބިއުޓީ އެންޑް ދަ ބީސްޓް ހިމެނެއެވެ.
އެމާ އަކީ ފިލްމީ ތަރިއެއްގެ އިތުރުން އަންހެނުންގެ ހައްގަށް މަސައްކަތް ކުރަމުން އަންނަ އެކްޓިވިސްޓެއްވެސް މެއެވެ. ތަފާތުކުރުން ނައްތާލުމާއި އަންހެން ކުދިންނަށް ތައުލީމް ހޯދާދިނުމަށް ވަކާލާތުކޮށް އެތައް ޤައުމަކަށް އޭނާ ދަތުރުކޮށްފައިވެއެވެ. އަދި މިކަމަށް ހާއްސަކޮށް 2014 ވަނަ އަހަރު ޔޫއެންއާއި ގުޅިގެން " ހީ ފޯ ޝީ" ގެ ނަމުގައި ހާއްސަ ކެމްޕެއިންވެސް ވަނީ ފަށާފައެވެ.
ރަތްކުލައިގެ އިސްތަށިގަޑެއްގައި ހުރި ހިތްވަރު ގަދަ ރުޕާޓް އެނާގެ ރަހްމަތެރިން ސަލާމަތްކުރަން ރާޒުވާ ކުޅެން ހެރީ ޕޮޓަރގައި ނުކުތީ އުމުރުން 12 އަހަރުގައެވެ. އޭރުވެސް ޖޭކޭ ފޮތްތަކަށް ޝައުގުހުރި ރުޕާޓަށް ހެރީ ޕޮޓްގެ ކާސްޓުން ޖާގަ ލިބުމުން އެއްވެސް ސުވާލެއް ނެތި ވަނީ ފިލްމަށް ސޮއިކޮށްފައެވެ.
ހެރީ ޕޮޓަރ ފިލްމުގެ ސީރީޒް ނިމުމުން ރުޕާޓް ހިޔާރުކުރީ އާދައިގެ ދިރިއުޅުމެކެވެ. ފިލްމުތަކުންވެސް އެއްބަސްވީ ކުދި ކުދި ރޯލްތަކަށެވެ. އޭގެއިތުރުން ބައެއް އެނިމޭޓެޑް ފިލްމުތަކަށް ރުޕާޓްވަނީ އަޑު އަޅާދީފައެވެ. މިހާރު ކައިވެނިކޮށްގެން އުޅޭ ރުޕާޓްގެ ގިނަ ވަގުތު ހުސްކުރަނީ އެނާގެ އަންހެން ދަރިފުޅާއިއެކުއެވެ.
މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ފޮނި ކުއްޖެއްގެ ރޯލުން ފެނިގެންދިޔަ ޓޮމް އަކީ ހެރީ ޕޮޓަރ ސީރީޒްގެ ނުބައި ރޯލެވެ. އެހެންނަމަވެސް ބޮޑުވެ މި ތަރިއަކީ އެކި ގޮތުން ފާހަގަކޮށްލެވުނު ފަންނާނެކެވެ. ފިލްމީ ތަރިއެއްގެ އިތުރުން ޓޮމް އަކީ މަޝްހޫރި ލަވަކިޔުންތެރިއެއް ވެސްމެއެވެ. "ޕްލެނެޓް އޮފް އޭޕްސް" ގައިވެސް މުހިއްމު ރޯލްތަކެއް އަދާކޮށްފައިވާ ޓޮމް ފެލްޓަން އަންނަނީ "ސިކްސް ސްޓްރިންގެ ޕްރޮޑަކްޝަން " ގެ ނަމުގައި ރެކޯޑް ލޭބަލެއްވެސް ހިންގަމުންނެވެ.
ހެރީ ޕޮޓަރގައި ޕްރޮފެސަރ ޑަމްބަލްޑޯގެ ރޯލުން ގެމްބަން ފެނިގެން ދިޔައީ އޭނާގެ އުމުރުން 60 ގެ ތެރޭގައެވެ. އައިރިޝްއަށް ނިސްބަތްވާ މި ތަރި ވަނީ 97 ފިލްމެއްގައި މަސައްކަތްކޮށްފައެވެ. ހެރީ ޕޮޓަރގެ ފަހުންވެސް އެނާ ވަނީ 40 ފިލްމެއްގައި މަސައްކަތްކޮށްފައެވެ. ސްޓޭޖް ޑްރާމާތައްވެސް ކުޅުނު ގެމްބަން އަށް ހަނދާނުގެ މައްސަލަތައް ދިމާވާން ފެށުމުން 2015ގައި އޭނާ ވަނީ ސްޓޭޖް ޑްރާމާތައް ކުޅުން ހުއްޓާލާފައެވެ. އުމުރުން 80 އަހަރުގެ މި ތަރި އަދިވެސް ފިލްމުތަކުން ފެންނަނީ ވަރަށް އެކްޓީވް އެކްޓަރެއްގެ ގޮތުގައެވެ.
ހެރީއާއި ރޮން އާއި އެކު ހެރީ ޕޮޓަރގައި ފެނިގެންދާ އިންޑިއާއަށް ނިސްބަތްވާ ދެ ތަރިންނަކީ އަފްޝަން އަޒާދާއި ޝިޕާލީ ޗައުދަރީ އެވެ. ހެރީ ޕޮޓަރގައިވެސް އިންޑިއާއި ހެދުމުގައި ފެންނަ މި ދެތަރިން އޭގެ ފަހުން މި ދައިރާއިން ނުފެނެއެވެ.
އަމިއްލަ ޔޫޓިއުބް ޗެނަލެއް ހަދާ ޝިފާލީ އަންނަނީ މޭކަޕްގެ ޓިިއުޓޯރިއަލްސް އެ ޗެނެލް މެދުވެރިކޮށް އާއްމުކުރަމުންނެވެ. އަފްޝަން އަކީ އިންސްޓަރގްރާމް ސެލެބިރިޓީއެކެވެ.