ޚަބަރު

އެސް.އެމް.އީ ލޯނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި


ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކުރައްވައިގެން މިދިޔަ މަހު ރައީސް ޢަބްދުﷲ ޔާމީން އިފްތިތާޙުކޮށްދެއްވި "އެސްއެމްއީ" ލޯނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އިކޮނޮމިކް މިނިސްޓްރީން ހުޅުއްވާލައްވައިފިއެވެ.   އެސްއެމްއީގެ މި ލޯނަކީ ދައުލަތުގެ ބަޖެޓުން 2015 ވަނަ އަހަރު، ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަޖެޓް ކުރެވިފައިވާ ފަންސާސް މިލިއަން ރުފިޔާއިން ދޫކުރާ ލޯނެއް ސްކީމެކެވެ. މި ލޯން ސްކީމަކީ 100 އިންސައްތަ ދިވެހިން ހިއްސާވާ، ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ގިންތިކުރެވި، ރަޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލެވިފައިވާ ލޯން ސްކީމެއްކަމަށް އިކޮނޮމިކް މިނިސްޓަރީން މައުލޫމާތުދެއެވެ.މި ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އަންހެނުންނާއި، ޒުވާން ވިޔަފާރިވެރިންނާއި، އެފަރާތްތަކުގެ އަގުލަބިއްޔަތު އޮންނަ ވިޔަފާރިތަކަށާއި، އިމްޕޯޓް ސަބްސްޓިޓިއުޓްކުރާ، ނުވަތަ އެކްސްޕޯޓްކުރާ ވިޔަފާރިތަކަށް ޕްރޮޕޯސަލް އިވެލިއުއޭޓު ކުރުމުގައި އިސްކަން ދޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކާއި، ޕްރޮސެސްތަކަށް އިންވެސްޓްކުރާ ފަރާތްތަކަށާއި މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވައި، އެހެން ރައްރަށުގައި ވިޔަފާރިކުރުމަށް ހުށަހަޅާ ފަރާތްތަކަށް ޕްރޮޕޯސަލް އިވެލިއުއޭޓް ކުރުމުގައި އިސްކަން ދޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.މި ލޯންނަށް ކުރިމަތި ލާ ފަރާތްތަކުގެ ތެރެއިން ޒުވާނުން ކަމަށް ބަލާނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރު ފުރައިގެ ފަރާތްތަކަށް ކަމަށްވެސް އެމިނިސްޓްރީން މައުލޫމާތުދެއްވިއެވެ.އެސްއެމްއީ ލޯން ސްކީމުގައި އެކަނި ފަރުދަކު ކުރާ ވިޔަފާރިއަކަށް ފަސް ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ފާޓްނާޝިޕް ނުވަތަ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ ލިބިގެން ދާގޮތަށް ވަނީ ކަނޑައަޅާފައެވެ.ޖުމުލަ އަށް ދާއިރާއަކުން މި އެސްއެމްއީ ލޯން ދޫކުރުމަށް ވަނީ ހަމަޖެހިފަ. އެ ދާއިރާ ތަކަކީ ފަތުރުވެރިކަމުގެ ދާއިރަ، ދަތުރުފަތުރު ކުރުމުގެ ދާއިރާ، އިމާރާތް ކުރުމުގެ ދާއިރާ، ކޯޕަރޭޓިވް ސޮސައިޓީގެ ދާއިރާ، ހިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާ، ވޭސް މެނޭޖްމެންޓްގެ ދާއިރާ އަދި އޯޕަން ކެޓަގަރީއެވެ.