ޚަބަރު

ސައުދީ ކޭމްޕް ނިންމާލުމަށްފަހު މާޒިޔާ މާލެ އަތުވެއްޖެ


އޭއެފްސީ ކަޕްއަށް ތައްޔާރުވުމަށް މާޒިޔާއިން ސައުދީގައި ކުރިއަށްގެންދިޔަ 10 ދުވަހުގެ ކޭމްޕް ނިންމާލުމަށްފަހު މާލެ އަތުވެއްޖެއެވެ.

މިމަހުގެ 18ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ ގުރޫޕް ޑީގެ މެޗްތަކަށް ސައުދީގައި މާޒިޔާއިން ކުރި ކޭމްޕްގައި އެޓީމްއިން ވަނީ އެކުވެރިކަމުގެ ތިން މެޗްއެއް ކުޅެފައެވެ.

މާޒިޔާއިން ސައުދީގައި ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ އަލް-އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމާއެވެ. މިމެޗް މާޒިޔާ ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ. ދެވަނަ މެޗްގައި ސައުދީގެ ޕްރޯ ލީގުގެ ކްލަބެއްކަމަށްވާ އަލް ވަހްދާއާއެކު ކުޅުނު މެޗްވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. މާޒިޔާއިން ކުޅުނު ތިންވަނަ މެޗްގައި ސައުދީ އަރަބިއްޔާގެ ޖިއްދާ އެފްސީއާއި ދެކޮޅަށް ކުޅުނު މެޗްވަނީ އެއްވަރުވެފައެވެ. 2 ލަނޑު 2 ލަނޑުން އެއްވަރުވި މެޗްގައި މާޒިޔާއިން ޖެހި ދެ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މެޗްގެ ދެވަނަ ހާފްގައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް ވަހީދު ހަސަންއެވެ.

އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް، ގުރޫޕް ޑީގެ މެޗްތައް މާލޭގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މި ގުރޫޕްގައި ހިމެނެނީ ރާއްޖޭގެ ޗެންޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއެވެ. އަދި މި ގުރޫޕްގެ ފަހު ޖާގަ ލިބޭނީ މިއަންނަ އާދިއްތަ ދުވަހު ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.