ޚަބަރު

ދަގަނޑޭ ފިޓްވާން ބައްސާމް އެދިއްޖެ


ސާފް ޗެމްޕިއަންޝިޕްއަށް ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ފިޓްވުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޮވާލައިފިއެވެ.

35 އަހަރުގެ އަހަރުގެ ދަގަނޑޭއަށް މިއީ އެންމެ ފަހުގެ ސާފް ޗެންޕިއަންޝިޕްއަށްވެސް ވެދާނެކަމަށް ބާއްސާމް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް ވަނީ ސާފް ޗެންޕިއަންޝިފްގައިވެސް ރަނގަޅު ކާމިޔާބީތަކެއް މީގެ ކުރިން ހޯދާފައެވެ. އެކިފަހަރު މަތިން އޭނާވަނީ މިސަރައްހަދުގެ އެންމެ މޮޅު ފޯވާޑްކަން ސާބިތުކޮށްދީފައެވެ.

ޕީއެސްއެމް ނިއުސްގެ އެކްސްކްލޫސިވް ޕްރޮގްރާމްގައި ވާހަކަދައްކަމުން ބާއްސާމް ވިދާޅުވީ ރާއްޖެއިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ބިޑް ކާމިޔާބުކުރިތާ 15 މިނިޓް ފަހުން ދަގަނޑޭއާ ދިމާވި ކަމަށެެވެ. އަދި ދަގަނޑޭއާ ބައްދަލުވުމުން ދެކެވުނު ވާހަކައިގައި ދަގަނޑޭ ގާތުގައި މި ފަހަރުގެ ސާފް ޗެންޕިއަންޝިޕްއަށް ރަނގަޅަށް ފިޓްވުމަށް އެދިފައިވާކަމަށެވެ.

ބައްސާމް ވިދާޅުވީ ޓީމްއަށް އެރޭވަރަށް ފިޓްވާން މަސައްކަތް ކުރުމަށް އެދުނު ނަމަވެސް، ގައުމީ ޓީމްއަށް ނަގާނީ ގައުމީ ޓީމްގެ ކޯޗިން ސްޓާފުންކަމަށެވެ. ގައުމީ ޓީމްއަށް ކުޅުންތެރިން ނެގުމުގައި ރައީސްގެ އެއްވެސް ދައުރެއް ނޯންނާނެކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. ކޯވިޑް-19އާއި ގުޅިގެން ފުޓްބޯޅަ ސީޒަން ކުރުކޮށްލުމާއެކު ގިނަ ކުޅުންތެރިންތިބީ އެއްވެސް ވަރަަކަށް ފުޓްބޯޅަ ނުކުޅެއެވެ. ނަމަވެސް ކުރިއަށް އޮތް އޭއެފްސީ ކަޕްއަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާއިން ވަނީ ސައުދީގައި ކޭމްޕް ކުރުމަށްފަހު މިއަދު މާލެ އައިސްފައެވެ. އަދި ކޮލިފައިން މެޗްއަށް ތައްޔާރުވުމަށް ކުލަބް އީގަލްސްގެ ކުޅުންތެރިން ދަނީ މެޗަށް ތައްޔާރުވަމުންނެވެ. ދަގަނޑޭ މިހާރު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ކުލަބް އީގަލްސްއާއެކުއެވެ.

2008 ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރިއިރު ދަގަނޑޭވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. 2018 ވަނަ އަަހަރު ރާއްޖެއިން ދެވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރިއިރު ދަގަނޑޭ ޓީމްއަށް ނަގާފައެއް ނުވެއެވެ.