ޚަބަރު

ލުކާކޫ އެނބުރި ޗެލްސީއަށް


އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީއަށް ބެލްޖިއަމްގެ ބައިނަލްއަޤްވާމީ ފޯވަޑް ރޮމެލޫ ލުކާކޫ ސޮއިކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ޗެލްސީން ލުކާކޫ ސޮއިކޮށްފައިވަނީ ކްލަބްގެ ރިކޯޑް އަގެއްކަމަށްވާ 97.5 މިލިއަން ޕައުންޑަށެވެ.

2014 ވަނަ އަހަރު ޗެލްސީއިން އެވަޓަންއަށް 28 މިލިއަން ޕައުންޑަށް ވިއްކާލި ލުކާކޫ މިފަހަރު ޗެލްސީއަށް އައިސްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އިޓާލިއަން ސެރީއާގެ ޗެމްޕިއަން އިންޓަރ މިލާނަށް ކުޅޭމުންދިޔަ ލުކާކޫ ވިއްކާލަން އިންޓަރއިން ބޭނުން ނުވި ނަމަވެސް ލުކާކޫ ޗެލްސީއަށް ގުޅެން ބޭނުން ވުމާއި އެކު އިންޓާރއިން އޭނާ ދޫކޮށްލީއެވެ. ޗެލްސީއިން ލުކާކޫ ސޮއިކޮށްފައިމިވަނީ އިނގިރޭސި ޓްރާންސްފަރ ރިކޯޑް އަގު ކަމަށްވާ 100 މިލިއަން ޕައުންޑަށްވުރެ ކުޑަތަންކޮޅެއް ކުޑައަގަކަށެވެ.

ލުކާކޫ ބުނީ ޗެލްސީއަކީ އޭނާ ކުޑައިރު ސަޕޯޓްކުރި ކްލަބެއް ކަމަށާއި އެކްލަބަށް އަނެއްކާވެސް އައުމުގެ ފުރުސަތު ލިބި އާކާމިޔާބީތަކެއް އެކްލަބާއެކު ހޯދުމުގެ ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އޭނާ އެންމެ ފުރަތަމަ ޗެލްސީއަށް އައީ ކުޑަކުއްޖެއްގެ ގޮތުގައި ގިނަ އެއްޗެހިތަކެއް ދަސްކުރާ ހާލުގައި ކަމަށާއި ނަމަވެސް މިފަހަރު މިއަންނަނީ ހުނަރާއި ތަޖްރިބާއާއާއެކު ބޮޑު މީހެއްގެ ގޮތުގައި ކަމަށެވެ. މިޓްރާންސްފަރ އާކެކު މިހާރު ކްލަބްތަކުން އެންމެ ބޮޑަށް އެއް ކުޅުންތެރިޔަކު ގެންދިއުމަށް ހޭދަކޮށްފައިވާ ކުޅުންތެރިޔާއަށް ލުކާކޫ މިވަނީ ވެގެން ގޮސްފައެވެ. އެކިކްލަބްތަކުން ލުކާކޫއަށް ތްޜާންސްފަރ ފީއެއްގެ ގޮތުގައި 290 މިލިއަން ޕައުންޑް ހޭދަކޮށްފައިވެއެވެ. ބެލްޖިއަމް ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ލުކާކޫއަކީ ސެރީއާގެ ކްލަބަކުންވެސް އެންނެ އަގުބޮޑުކޮށް މިހާތަނަށް ވިއްކާލާފައިވާ ކުޅުންތެރިޔާއެވެ.

މިދިޔަ ސީޒަންގައި ޗެލްސީއަށް އެންމެ ބޮދަށް ދިމާވި އެއް މައްސަލައަކީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވި އެފުރުސަތު ތަކުގެ ބޭނުން ނުހިފުމެވެ. އެހެންކަމުން މިމައްސަލައަށް ލުކާކޫގެ ސަބަބުން ހައްލު އަންނާނެ ކަމަށް ގިނަ ފަރާތްތަކުން ހާމަކުރެއެވެ. އަދި ލުކާކޫއާއެކު މިސީޒަންގައި އިންގްލިޝް ޕްރިމިއަރ ލީގު ކާމިޔާބު ކުރުން އެންމެ ގާތް ކްލަބަކީވެސް ޗެލްސީކަމަށް ބުނާމީހުން ވަނީ ގިނަ ވާން ފަށާފައެވެ. ނިމުނު ސީޒަންގައި ޔުއޭފާ ޗެމްޕިއަންސް ލިގު ކާމިޔާބު ކުރި ޗެލްސީ ލީގު ނިންމާލީ ހަތަރުވަނައިގަ އޮވެގެންނެވެ. އަދި ޖެހިފައިވަނީ 58 ލަނޑެވެ.