ޚަބަރު

އިންގްލިޝް ޕްރިމިއަރ ލީގުގެ ކުޅުން މިރޭ ފަށަނީ


އިންގްލިޝް ޕްރިމިއަރ ލީގުގެ އާސީޒަންގެ ކުޅުން މިރޭ ފެށިގެން ދާނެއެވެ. މިރޭ ރާއްޖެ ގަޑިން ބާރަޖަހާއިރު ލީގު ފެށުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މިފަހަރު އަލަށް ޕްރޮމޯޓްވި ބްރެންޓްފަޑް އާއި އާސެނަލްއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ބްރެންޓްފަޑްގެ ދަޑުގައެވެ.

އާސީޒަންގެ ފުރަތަމަ ހަފްތާގެ ކުލުމުގެ ގިނަ މެޗްތަސް ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ. މިގޮތުން މާދަމާ ހަތް މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މާދަމާގެ ފުރަތަމަ މެޗްގައި މެންޗެސްޓަރ ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރާއިރު ފަހު މެޗްގައި ރޭގަނޑު ނުވަގަޑި ތިރީހުގައި ބައްދަލުކުރާނީ ނޯވިޗް ސިޓީ އާއި ލިވަޕޫލެވެ. މި ހަފުތާގައި އެންމެ ފާހަގަ ކޮށްލެވޭ މެޗަކަށް އިނީ އެންމެފަހުގެ ޗެމްޕިއަން ރަށުން ބޭރުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ބައްދަލުކުރާމެޗެވެ.

މިމެޗު ވަރުގަދަ ދެ ޓީމަށް ވުމުގެ އިތުރުން އެހެން ގޮތް ގޮތުންވެސް ހާއްސަވެގެންދެއެވެ. އެއީ ސިޓީން އަންނަނީ ސްޕަރސްގެ އެންމެ މުޙިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ހެރީ ކޭން ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އަދި ކޭންވެސް ހުރީ ސިޓީއަށް ބަދަލުވާން ބޭނުންވެފައެވެ. ނަމަވެސް ދެކްލަބްގެ މެދުގައި ކޭންގެ ޓްރާންސްފަރ ފީއާމެދު އެއްބަސްވުމަކަށް އާދެވިފައިނުވާތީ އެކަންވަނީ ވާގޮތް ނުވެފައެވެ. މިހާރު އުފެދޭ ސުވާލަކީ އާދީއްތަ ދުވަހުގެ ރޭ ކުޅޭ މިމެޗުގައި ކޭން ފެނިގެންދާނެ ތޯއެވެ. އަދި ސިޓީއަށް ސްޕަރސްގެ ސްޕޯޓަރުންގެ ފަރާތުން ކިހާވަރެއްގެ ނުރުހުމަކާ ކުރިމަތިލަން ޖެހޭނެ ކަމެވެ. އެމެޗް ވެގެން ދާނީ ފުރަތަމަ ހަފްތާގެ ފަހުމެޗަށެވެ.

މިފަހަރުގެ ސީޒަނަށް ޓީމްތަށް ވަރުގަދަ ކުރުމަށް ބައެއް ކްލަބްތަކުންވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. މިގޮތުން އިނގިރޭސި ރިކޯޑް ޓްރާންސްފަރ ފީއެއް ކަމަށްވާ 100 މިލިއަން ޕައުންޑަށް ސިޓީއިންވަނީ އެސްޓަންވިލާގގެ ކެޕްޓަން ޖެކް ގްރީލިޝް އެކްލަބަށް ގެންގޮސްފައެވެ. އަދި ހަމައެއާއެކު ޗެލްސީއިންވަނީ އެކްލަބްގެ ރިކޯޑް އަގެއް ކަމަށްވާ 97.5 މިލިއަން ޕައުންޑަށް ރޮމެލޫ ލުކާކޫ އެކްލަބަށް ސޮއިކޮށްފައެވެ. މީގެއިތުރުން މެންޗެސްޓަރ ޔުނައިޓެޑުން ޖޭޑަން ސަންޗޯ 73 މިލިއަން ޕައުންޑަށް ބޮރޫޝިއާ ޑޯޓްމުންޑުން ސޮއި ކުރުންވެސް ފާހަގަކޮށްލެވެއެވެ.