ޚަބަރު

ޔުވެންޓަސްއާއެކު ހަދާފައިވާ އެއްބަސްވުން ޑީބަލާ އާކުރަން ނިންމައިފި


ޔުވެންޓަސްއާއެކު ހަދާފައި އޮތް އެއްބަސްވުން އާކުރުމަށް އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިހާރު އެ ޓީމުން ވަނީ ޑިބާލާގެ އޭޖެންޓާއެކު މަޝްވަރާތައް ފަށާފައެވެ. އަދި އެ މަޝްވަރާ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމަށާއި، އެގޮތުން ޔުވެންޓަސްގެ އެއްބަސްވުން އާކުރުމަށް ޑިބާލާ ނިންމާފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ޑިބާލާ ޔުވެންޓަސްއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ހަމަވާއިރު، މީގެ ކުރިންވެސް ޔުވެންޓަސްއިން ވަނީ އޭނާގެ އެއްބަސްވުން އާކުރުމަށް މަސައްކަތްކޮށްފައެވެ. ޑިބާލާ ބުނީ ކުރިން އޭނާގެ އެއްބަސްވުމާ ގުޅޭ ގޮތުން ދޮގު މައުލޫމާތުތަކެއް މީޑިއާގައި ހިއްސާކޮށްފައިވާ ކަމަށާއި، މީގެ ކުރިން އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކުލަބުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

ޔުވެންޓަސްގެ އެއްބަސްވުން ޑިބާލާ އާކުރާނެ ކަމަށް ބެލެވޭއިރު، ރިޕޯޓުތައް ބުނާ ގޮތުން އޭނާ ގަތުމަށް ޓޮޓެންހަމް ހޮޓްސްޕާ އާއި ޗެލްސީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޑިބާލާ ހޯދުމަށް އެ ދެ ކުލަބުން 55 މިލިޔަން ޔޫރޯ ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށްވެސް އިނގިރޭސި މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.