ކުޅިވަރު

ޝަވީދަށް ވަރަށް ބޮޑަށް ތާއީދުކުރަން - ރައީސް ޔާމީން


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެނޑިޑޭޓް މުހައްމަދު ޝަވީދަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެއެވެ. ފުރަތަމަ ޑިވިޝަންގައި މި އަހަރު އަލަށް ވާދަކުރި ޓީސީ ސްޕޯޓްސް ކުލަބަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އެ ޓީމުން ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޝަވީދުގެ ހިންގުންތެރިކަމުގެ ދަށުން އެފްއޭއެމުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ކުޅިވަރުގެ ދާއިރާއަށް ޝަވީދުގެ އެއްބާރުލުމާއި ޝައުގުވެރިކަމުގެ ސަބަބުން އެމަނިކުފާނު ޝަވީދަށް ވަރަށް ބޮޑަށް ތާއީދުކުރައްވާކަމަށް ރާއިސް ފާހަގަކުރެއްވިއެވެ.  "ޝަވީދުގެ މެނޭޖްމަންޓްގެ ދަށުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވާ, އަޅުގަނޑު ވަރަށް ތާއީދު ކުރައްވާ ބޭފުޅެއް، ކުޅިވަރުގެ ދާއިރާ އަށް ޝަވީދުގެ އެހާބޮޑު އެއްބާރުލުމަކާއި ޝައުގުވެރިކަމެއް ހުރީމަ" ރައީސް ޔާމީން ވިދާޅުވިއެވެ.ޝަވީދަކީ ފަސްކޮށްފައިވާ އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެނޑިޑޭޓެވެ. ފީފާއިން އެފްއޭއެމް ހިންގުމަށް އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ މަގާމް ފުރުއްވަމުން ގެންދަވާ ޝަވީދަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސެވެ. އަދި އޭނާއަކީ އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީގެ ހިންގާ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޮކްޓޯބަރ 22 ވަނަ ދުވަހު ބާއްވަން ތާވަލްކުރި އެފްއޭއެމްގެ އިންތިހާބު ފަސްކުރީ އެފްއޭއެމްގެ އަސާސީ ޤަވާއިދުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ސަރުކާރުން އެއްބާރުލުން ނުދިނުމުންނެވެ.ފީފާ އިން މިހާރު ވަނީ އިންތިހާބު ބޭއްވުމަށް އިތުރު މުއްދަތު ދިނުމުގެ ގޮތުން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތު މި އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައެވެ.