ވިޔަފާރި

ޓެކްސް މައުލޫމާތު ބަދަލު ކުރުމުގެ އެއްބަސްވުންތަކެއްގައި މީރާއިން ސޮއިކޮށްފި


ޓެކްސް މައުލޫމާތު ބަދަލު ކުރުމުގެ އެއްބަސްވުންތަކެއްގައި މީރާއިން ސޮއިކޮށް، ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓަންސް އިން ޓެކްސް މެޓަރސް (އެމް.އޭ.އޭ.ސީ) ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ދިވެހިރާއްޖެއިން " އެމް.އޭ.އޭ.ސީ " ގައި ބައިވެރިވުމަށް ސޮއިކޮށްފައިވަނީ ބުދަ ދުވަހުއެވެ. މި މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޙަސަން ޞާބިރުއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ފަރަންސޭސި ވިލާތުގައި ހުންނަ އޯ.އީ.ސީ.ޑީގެ މައި އިދާރާގައެވެ.

މި މުއާހަދާގައި ސޮއިކުރުމުން، މި މުއާހަދާގައި ބައިވެރިވާ އެހެން ޤައުމުތަކާއެކު ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް
ނުގެއްލޭގޮތަށް، ޤާނޫނީ އިމުގެ ތެރެއިން މީރާއަށް މަޢުލޫމާތު ބަދަލުކުރެވޭނެއެވެ. މީގެ އިތުރުން، މުއާހަދާގައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި ޓެކުހާ ގުޅޭކަންކަމުގައި އިދާރީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން، ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރުހަދާ އަދި ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ދެނެގަނެ ފިޔަވަޅުއެޅުމަށް އެހީތެރިކަން ލިބެއެވެ.

އެމް.އޭ.އޭ.ސީ މުއާހަދާގެ ދަށުން އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒުކުރާނެ ގޮތްތައް ކަނޑައަޅައި، މައުލޫމާތު ބަދަލުކުރުމަށާއި ސިއްރު ހިފެހެއްޓުމުގެ ގޮތުން ވަކި ހަމަތަކަކާއި އުސޫލުތަކަކަށް ޓެކުހާގުޅޭ އިދާރާތަކުގެ މެދުގައި އެއްބަސްވުމަށްޓަކައި އިތުރު ދެ އެއްބަސްވުމެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލް ފަތުޙުﷲ ޖަމީލު ސޮއި ކުރައްވާފައިވާ ކަމަށް މީރާއިން ބުނެއެވެ. މި ދެ އެއްބަސްވުމަކީ މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓް އިންފޮމޭޝަން "އެމް.ސީ.އޭ.އޭ - ސީ.އާރ.އެސް" އަދި މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން ދަ އެކްސްޗޭންޖް އޮފް ކަންޓްރީ-ބައި-ކަންޓަރީ ރިޕޯޓްސް "އެމް.ސީ.އޭ.އޭ - ސީ.ބީ.ސީ" އެވެ.

އެމް.އޭ.އޭ.ސީއިން ބާރުދޭ އެއް ހަމަ ކަމުގައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް (ސީ.އާރ.އެސް)ގެ ދަށުން، އެއްބަސްވުމުގައި ބައިވެރިވާ ގައުމުތަކުގައި ދިވެހިރާއްޖޭގެ ޓެކްސް ދައްކާ ފަރާތެއް، ހުޅުވާފައިވާ ބޭންކް އެކައުންޓްތައް އަދި އެހެނިހެން މާލީ އެކައުންޓްތަކުގެ ތަފްސީލް މީރާއަށް ލިބޭނެއެވެ. މީގެ ތެރޭގައި ފަރުދުންގެ އެންމެހައި އެކައުންޓްތަކުގެ ތަފްސީލާއި،
ކުންފުނި އަދި އެފަދަ އެހެނިހެން އެންޓިޓީތަކުގެ އެކައުންޓްތަކުގެ ތެރެއިން 250,000 އެމެރިކާ ޑޮލަރުގެ ބެލެންސް ނުވަތަ
އަގު ހުރި އެކައުންޓްތަކުގެ މައުލޫމާތު ހިމެނެއެވެ.

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން ޓެކްސް ދައްކަން ޖެހޭނީ އެ ފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީ ވެސް ހިމަނައިގެން އެ ފަރާތަށް ލިބޭ ޖުމްލަ އާމްދަނީން ކަމުން، މިފަދަ މައުލޫމާތު 143 އެހެން ޤައުމަކުން ލިބުމަކީ ޓެކްސް ދެއްކުމުން އެއްކިބާވުމަށް މަސައްކަތްކުރުން ހުއްޓުވުމަށާއި، އާމްދަނީ ލިބޭ މިންވަރަށްވުރެ ދަށުން ރިޕޯޓްކުރާ ފަރާތްތައް ދެނެގަތުމަށް މީރާއިން ކުރަމުންދާ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް މީރާއިން ބުނެއެވެ.

މީގެ އިތުރުން، ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގގެ ދަށުން، ކޮންސޮލިޑޭޓެޑް ގްރޫޕު ރެވެނިއުގެ ގޮތުގައި 750 މިލިއަން
ޔޫރޯއަށްވުރެ އިތުރަށް ލިބިފައިވާ މަލްޓިނެޝަނަލް އެންޓަޕްރައިޒް ގްރޫޕްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި އެފަރާތެއްގެ ވިޔަފާރިއެއް ޤާއިމްކޮށްފައިވާ ގްރޫޕްތަކުގެ މާލީ މައުލޫމާތުވެސް މީރާއަށް ލިބޭނެއެވެ. ދިވެހިރާއްޖެއަށް ބޭރުގެ އިދާރާތަކުން މަޢުލޫމާތު ފޯރުކޮށްދޭ ފަދައިން ދިވެހިރާއްޖެއިންވެސް މުއާހަދާގައި ބައިވެރިވެފައިވާ އެހެން ޤައުމުތަކަށް މައުލޫމާތުތައް ފޯރުކޮށްދޭނެއެވެ. ބޭރުގެ އިދާރާތަކާ ހިއްސާކުރާ ފައިނޭންޝަލް އެކައުންޓްގެ މައުލޫމާތުތައް މީރާއާއި ހިއްސާކުރާނީ ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑްގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތަކެވެ. އަދި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދުގެ ދަށުން މީރާއަށް ނޯޓިފިކޭޝަން ހުށަހަޅާފައިވާ އެންޓިޓީތަކުން ވެސް ސީ.ބީ.ސީ ރިޕޯޓިންއަށް ބޭނުންވާ މައުލޫމާތު ހުށަހަޅަން ޖެހޭނެ ކަމަށް މީރާއިން ބުނެއެވެ.

ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތައް ފުރަތަމަ ފަހަރަށް މަޢުލޫމާތު ހުށަހަޅަންޖެހޭ ސުންގަޑިއަކީ 31 ޖުލައި 2022 އެވެ. އަދި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގެ ދަށުން ނޯޓިފިކޭޝަން ހުށަހަޅާފައިވާ އެންޓިޓީތަކުން، 1 ޖަނަވަރީ 2021 ނުވަތަ އޭގެ ފަހުން ފެށޭ ރިޕޯޓުކުރާ ފިސްކަލް އަހަރުތަކަށް ނިސްބަށްވާ ރިޕޯޓް ހުށަހަޅަން ޖެހޭނީ ރިޕޯޓުކުރާ ފިސްކަލް އަހަރު ނިމިގެން 12 މަސްދުވަސް ހަމަވުމުގެ ކުރިން ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ މިއެއްބަސްވުންތައް ޤާއިމްވެގެން ދިޔައީ ގިނަ ދުވަސްތަކެއް މަސައްކަތުން ކަމަށެވެ. އަދި މިކަން ތަންފީޒު ކުރުމަށް މަލްޓިނޭޝަނަލް އެންޓަޕްރައިޒް ތަކުގެ ވިޔަފާރިތަކުން އެއްބާރުލުން ބޭނުންވާނެ ކަމަށް މީރާއިން ބުނެއެވެ. އަދި މިމައުލޫމާތު ފޯރުކޮށް ނުދޭ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަން މީރާއިން ވަނީ ހާމަކޮށްފައެވެ.