ޚަބަރު

ޕީއެސްޖީ އާއެކު ޗެމްޕިއަންސް ލިގު ކާމިޔާބުކުރަން ބޭނުން: މެސީ


ފްރެންޗް ލީގު، އާންގެ ޕެރިސް ސެއިންޓް ޖަރމެއިން އާ އެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ބޭނުން ކަމަށް އެކްލަބާއި އެންމެފަހުން ގުޅުނު ލިއޮނެލް މެސީ ހާމަކޮށްފިއެވެ. މެސީ ބުނީ ޕީއެސްޖީގައި އެކަން ކުރެވޭ ފެންވަރުގެ ޓީމެއް އެބައޮތް ކަމަށެވެ.

އުމުރުން 34 އަހަރުގެ މެސީ ވަނީ އޭނާ ކުރިން ކުޅުނު އެފްސީ ބާސެލޯނާ އާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާފައެވެ. އަދި ޕީއެސްޖީއަކީ ޗެމްޕިއަންސް ލީގުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލުމުގެ ހުވަފެން ދެކެމުންއަންނަ ކްލަބެކެވެ. އެޓީމް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއި އެންމެ ގާތަށް ދިޔައީ 2020 ވަނަ އަހަރުއެވެ. އެފަހަރު ޕީއެސްޖީވަނީ ފައިނަލްގައި ވާދަކޮށް
ބަޔޭން މިޔުނިކް އަތުން ބަލިވެފައެވެ.

ބާރސާގައި އެހާ ގިނަ ދުވަސް ކުރުމަށްފަހު އެކްލަބް ދޫކޮށްލަން ޖެހުމުން ދެރަވި ކަމަށާއި ނަމަވެސް ޕެރިހަށް އާދެވުމާއެކު ފެންނަމުންދިޔަ މަންޒަރުތަކުގެ ސަބަބުން މިހާރު ވަރަށް ހިތްހަމަ ޖެހިފައިވާކަމަށެވެ. އަދި މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް ފަރިތަކުރުންތައް ފަށާ ކުޅުމުގެ ތެރެއަށް އެނބުރި ދާން ކަމަށް އޭނާ ހާމަކުރިއެވެ. ކުލުމުގެ ރޫހު އޭނާގެ އަދިވެސް އެބަހުރި ކަމަށާއި އޭނާ އަދިވެސް ބޭނުންވަނީ ކެރިއަރު ފެށިއިރުވެސް ބޭނުންވި ފަދައިން ގިނަ ކާމިޔާބީ ހޯދަން ކަމަށް މެސީ ހާމަކުރިއެވެ. އަދި ޕީއެސްޖީއަކީ ހުރިހާ ތަށްޓަކަށް ވާދަކުރެވޭ ފެންވަރުގައި އޮތް ކްލަބެއް ކަމަށާއި އަދި އޭނާ ޕީއެސްޖީއާއި ގުޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް އެއީ ކަމަށް އޭނާ ހާމަކުރިއެވެ.

ޕީއެސްޖީގެ ޖަރޒީގައި ބާރސާއާ ކުޅެން ޖެހުން ވެގެންދާނީ އާދަޔާ ޚިލާފް ކަމަކަށް ކަމަށާއި ޗެމްޕިއަންސް ލީގުގައި ދެ ޓީމް ކުރިމަތިލާން ޖެހޭނެ ކަމެއް ނޭނގޭ ކަމަށާއި ނަމަވެސް އެއީވެސް ވެދާނެ ކަމެއް ކަމަށާއި ވާގޮތެއް ބަލަން ތިބޭނީ ކަމަށް މެސީ ހާމަކުރިއެވެ. ޕީއެސްޖީގެ ހުނަރުވެރި ފޯވަޑް ކިލިއަން އެމްބާޕޭ އެޓީމް ދޫކޮށް ދާން ބޭނުންވުމާއި ގުޅޭގޮތުން ކްލަބްގެ ރައީސް ނާސިރު އަލް ހެލާފީ ހާމަކުރިގޮތުގައި އެމްބާޕޭ ބޭނުންވީ ވަރުގަދަ ޓީމެއް ކަމަށާއި މިއަށްވުރެ ޓީމެއް ވަރުގަދައެއް ނުކުރެވޭނެ ކަމަށް އޭނާ ހާމަކުރިއެވެ. އެހެން ކަމުން މިހާރު އެމްބާޕޭއަށް ކްލަބް ދޫކޮށްލުމާއި ގުޅޭގޮތުން ދެއްކޭނެ ބަހަނާއެއް ނެތް ކަމަށެވެ. މެސީ ކްލަބަށް ސޮއިކުރުމާއި ފައިނޭންޝިއަލް ފެއަރ ޕްލޭގެ ދަށުން މައްސަލައެއް ކުރިމަތިވެދާނެކަމަށް އެކްލަބްގެ މާލީ ކަންތައް ބަލަހައްޓާ ފަރާތްތަކުން ހާމަކޮށްފައިނުވެއެވެ. އެފަރާތްތަކުގެ ވާހަކަތައް ހުރިގޮތުން މެސީ ސޮއިކުރުމަކީ އެކްލަބަށް ކުރެވޭނެ ކަމެއްގެގޮތުގައި ހާމަކޮށްފައިވާކަމަށެވެ. އަދި ޕީއެސްޖީން އަބަދުވެސް ފައިނޭންޝިއަލް ފެއަރ ޕްލޭއަށް އިހްތިރާމް ކުރާނެކަމަށް އޭނާ ހާމަކުރިއެވެ.