ޚަބަރު

ޔޫރަޕްގައި އެންމެ ވާދަވެރި ލީގަކީ އިންގްލިޝް ޕްރިމިއަރ ލީގު: ރިޗަޑް


ޔޫރަޕްގައި އަދިވެސް އެންމެ ވާދަވެރި ލިގަކީ އިންގްލިޝް ޕްރިމިއަރ ލީގު ކަމަށް އީޕީއެލްގެ ޗީފް އެގްޒެކެޓިވް ރިޗަޑް މަސްޓަރސް ހާމަކޮށްފިއެވެ. މާސްޓަރސްވަނީ ޕްރިމިއަރ ލީގުގެ ކުރީގަ އުޅޭ ޓީމް ތަކާއި އެހެން ޓީމް ތަކާއި ދެމެދުގައިވާ ފަރަގު ބޮޑުވަމުންދާކަމަށް ދެކެވޭ ވާހަކަތަކާ ދެކޮޅު ހަދާފައެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ފަސް ވަނައިގާ އޮތް ޓީމާ؛އި ދެމެދުގައިވާ ފަރަގު 20 ޕޮއިންޓް ހުރިއިރު އޭގެ ކުރީ ސީޒަންގައި ލިވަޕޫލް ލީގު ކާމިޔާބުކުރިއިރު އެފަރަގު ހުރީ 37 ޕޮއިންޓްގައެވެ. ނަމަވެސް އެއީ ކުރީގައި އުޅޭ ޓީމް ތަކާއި ދެން ތިބި ޓީމް ތަކާއި ދެމެދުގައިވާ ފަރަގު ބޮޑުވުން ކަމަށް ނުބެލެވޭނެކަމަށް މާސްޓަރސް ހާމަކުރިއެވެ. 2019 ވަނަ އަހަރު މަގާމާއި ހަވާލުވި މާސްޓަރސް ހާމަކުރިގޮތުގައި ކުރިއަށް މިއޮތް ސީޒަންގައި ބޮޑެތި ޓީމް ތަކާއި ވާދަކުރުމަށް ކުދި ޓީމްތައް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި މިފަހަރަކީ ބޮޑެތި ކްލަބްތަކަށް ކުދި ކްލަބްތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކްލަބްތަކުގެ ފަރާތުން ރަނގަޅު ފައިޓެއް ދޭނެ ސީޒަނެއް ކަމަށް ގަބޫލް ކުރާ ކަމަށެވެ. އަދި ޔޫރަޕުން ޖާގަހޯދުމަށް ބޭނުންވާ ގިނަ ކްލަބްތަކެއް ތިބުމުން ވާދަވެރިކަން އިތުރަށް ގަދަވެގެންދާނެކަމަށް އޭނާ ހާމަކުރިއެވެ.

މިފަހަރުގެ ޕްރިމިއަރ ލީގުގެ އާސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުގެ ރެއެވެ. އެމެޗްގައި ބައްދަލުކުރާނީ ލީގަށް އަލަށް ޕްރޮމޯޓްވި ބްރެންޓްފަޑް އާއި އާސެނަލްއެވެ. ޕްރިމިއަރ ލީގުގެ ފުރަތަމަ ހަފްތާގައި ކުޅޭ ދިހަ މެޗް ބަލާލުމަށް 300 ހާސް މީހުންނަށް ކުޅިބަލަން ވަނުމުގެ ހުއްދަވަނީ ދީފައެވެ. މާސްޓަރސް ހާމަކުރިގޮތުގައި މިއީ އަލުން އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އާސީޒަން ފެށުމަށް ކެތް މަދުވެފައިވާ ކަމަށެވެ. ނަމަވެސް އަބަދުވެސް އެންމެ ފުރަތަމަ އިސްކަމެއް ދޭނީ ސަލާމަތީ ކަންތައްތަކަށްކަމަށް އޭނާ ހާމަކުރިއެވެ.