ޚަބަރު

ބޭރުގެ ބަޔަކާއި ގުޅިގެން ޤައުމީ އެއަރލައިން ހިންގަން މަޝްވަރާކުރަނީ


ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ މާލީ ހާލަތު ރަނގަޅުކުރުމަށް ބޭރުގެ ކުންފުންޏަކާއެކު ޖޮއިންޓްވެންޗަރއެއް ހެދުމަށް ސަރުކާރުން މަޝްވަރާކުރަން ފަށައިފިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މޯލްޑިވިއަންއަކީ ފެށުނީއްސުރެ ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެއްކަމަށެވެ. އަދި ކޯވިޑްގެ ސަބަބުން އިތުރު ގެއްލުމާއި އެކުންފުނިން ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެކުންފުނީގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޤައުމީ އެއަރލައިން ބަނގުރޫޓްވިޔަ ނުދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ސަރުކާރުން ސަބްސިޑައިޒްކޮށްގެންވެސް އެ އެއަރލައިން ދަމަހައްޓަންޖެހޭކަމަށާއި، އެހެންކަމުން ބައިނަލްއަޤްވާމީ ދަތުރުތަކުން ފައިދާ ލިބޭނެގޮތެއް ހެދުމަށް ސަރުކާރުން ބައެއް ކުންފުނިތަކާއެކު މަޝްވަރާކުރެވެމުންދާކަަމަށް ރައީސް ވިދާޅުވިއެވެ.

"ކޯވިޑާއި ގުޅިގެން އެކުންފުނީގެ މާލީ ޙަލަތ ކުރިއަށްވުރެ ރަނގަޅުވެފައެއް ނެތް. ޤައުމީ އެއަރލައިން ރަނގަޅުކުރުމަށްތަކައި ބޭރުގެ ބައެއް ފަރާތްތަކާއިވެސް އަޅުގަނޑުމެން ވާހަކަ ދައްކަމުން އެބަ ގެންދަން ޖޮއިންޓްވެންޗަރއެއް ހެދުމާއި ބެހޭގޮތުން. ކޮންމެއަކަސް ރާއްޖޭގައި ޤައުމީ އެއަރލައިނެއް އޮންނަންޖެހޭނެކަމަށް އަޅުގަނޑު ޤަބޫލުކުރަން. ވައިގެ ދަތުރުފަތުގެ ނިޒާމެއް ޤައުމީ އެއަރލައިނެއްގެ ގޮތުގައި އޮންނަން އެބަޖެހޭ. ޚާއްޞަކޮށް ޑޮމެސްޓިކް ދަތުރުފަތުގެ ނެޓްވަރކެއް އޮންނަން އެބަޖެހޭ. އޭގެ ސަބަބުން ނުސީދާކޮށް ލިބޭ ވަރަށް ގިނަ ފައިދާތައް އެބަހުރި. އެހެންކަމުން ރާއްޖޭގައި ޚާއްޞަކޮށް ޑޮމެސްޓިކް ދަތުރުފަތުރުކުރުމުގައި ޑިސްކައުންޓް ރޭޓެއްގައި ސަރުކާރުން ސަބްސިޑައިޒްކޮށްގެންނަމަވެސް އެ އެއަރލައިން ދަމަހައްޓަން އެބަޖެހޭ."

ރައީސް ވިދާޅުވީ ސީޕްލޭންގެ ޚިދުމަތްވެސް އިތުރަށް ފުޅާކުރުމަށް އިންވެސްޓްކުރެވޭނެ ގޮތްތައް ހޯދުމަށްވެސް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

ކޯވިޑްގެ ކުރިން ރާއްޖޭގެ 10 އެއަރޕޯޓަކަށާއި، ބައިނަލްއަޤްވާމީ 20 މަންޒިލަކަށް މޯލްޑިވިއަން އިން ދަތުރުކުރިއެވެ.ނަމަވެސް ކޯވިޑާއި ގުޅިގެން އެކުންފުނީގެ ބައިނަލްއަޤްވާމީ ދަތުރުތައް ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ. މޯލްޑިވިއަން އަކީ ޤައުމީ އެއަރލައިންކަމަށްވުމާއެކު އެކުންފުނިން ގެންދަނީ ގެއްލުމުގައިވެސް ރައްޔިތުން ބޭނުންވާ ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.