ޚަބަރު

ރޭންޖަރސް ބަލިކޮށް ޗެމްޕިއަންސް ލީގު ޕްލޭ އޮފުން މަލްމޯ ޖާގަހޯދައިފި


ޔުއޭފާ ޗެމްޕިއަންސް ލީގު ކޮލިފައިންގ ތިންވަނަ ބުރުގައި ސްކޮޓިޝް ޗެމްޕިއަން ރޭންޖަރސް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފުން މަލްމޯ ޖާގަހޯދައިފިއެވެ. މަލްމޯ ޕްލޭ އޮފުން ޖާގަހޯދި ރޭންޖަރސް އާއި ހޯމް އެންޑް އެވޭ އުސޫލުން ކުޅުނު ދެމެޗް 4 ލަނޑު 2 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މަލްމޯގެ ދަނޑުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗް 2 ލަނޑު އެއްލަނޑުން މަލްމޯ މޮޅުވެފައިވަނިކޮށް ރޭ ކުޅުނު ދެވަނަ ލެގްގެ މެޗްވެސް 2 ލަނޑު އެއްލަނޑުން ކާމިޔާބުކުރީ މަލްމޯއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ރޭންޖަރސްއިން ވަނީ މެޗްގެ ކުރީ ކޮޅު މޮޅު ކުޅުމެއްދާކާފައެވެ. އަދި މެޗްގެ 18 ވަނަ މިނެޓްގައި އަލްފްރެޑޯ މޮރޭލޯސްގެ ގޯލާއެކު ރޭންޖަރސްއިން މިމެޗްގައި ލީޑު ނެގުމާއެކު މިމެޗުގައި މަލްމޯއަށް ގިނަ މައްސަލަތަކާއި ކުރިމަތިވާނެކަމަށް ބެލެވުނެވެ.

އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި މަލްމޯގެ ބޮންކަރ އިނޮސެންޓްއަށް ރަތް ކާޑު ދެއްކުމާއެކު މިމެޗުން ރޭންޖަރސްއަށް މޮޅުވުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށް އެންމެންވެސް ހީކުރިއެވެ. ނަމަވެސް ދެވަނަ ހާފްގައި ކަންތައް ދިމާވީ ހީކުރި ގޮތާއި މުޅިން ހިލާފަށެވެ. މިގޮތުން މެޗްގެ 53 ވަނަ މިނެޓްގައި އެންޓޯނިއޯ ކޮލަކް ޖަހާދިން ލަނޑާއެކު މަލްމޯއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރުމުން ރޭންޖަރސްއަސް ހަމަޖެހި ނުލެވި އުޅެނިކޮށް ކޮލަކްވަނީ މިމެޗްގައި އޭނާގެ ދެވަނަ ލަނޑާއެކު މަލްމޯއަށް ލީޑު ނަގާދީފައެވެ. އެއް ކުޅުންތެރިއެއް މަދުން ކުޅޭމުން ދިޔަ ނަމަވެސް މަލްމޯގެ ޑިފެންސް މިމެޗްގައި އިތުރަށް ފުއަޅުވާލެވޭގޮތް ވަނީ ނުވެފައެވެ.

މިމެޗުން މޮޅުވުމާއެކު މަލްމޯ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފުން ޖާގަހޯދާފައިވާއިރު ރޭންޖަރސްއަށް ޖެހިފައިވަނީ ޔޫރޮޕާ ލީގުގެ ޕްލޭ އޮފްގައި ވާދަކުރާށެވެ. ރޭންޖަރސް އަށް ވާދަކުރަން ޖެހޭނީ ކަޒަކިސްތާންގެ ކައިރަތު އަލްމާޓީ އާއި އަރްމީނިއާގެ އަލަޝްކަރޓް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.