ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަަމަލާގެ ތަހުޤީޤުގައި ދެން އަމާޒުކުރާނީ މިކަމަށް ފައިސާ ހަރަދުކޮށްފައިވާ ގޮތް ބެލުމަށްކަމަށް، ޙަމަލާގެ ތަޙުޤީޤު ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ޚާއްސަ މަންދޫބު، އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.
އައްބާސް ފާއިޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮމުގެ ހަމަލާގެ ތަހުޤީޤުގެ ފުރަތަމަ ބައި ފުލުހުން ނިންމާ، އެކަމުގައި ޝާމިލުވާ 4 މީހުންނަށް ދައުވާކުރަން ފޮނުވުމުން އެކަން ފާހަގަކުރައްވާ، މަރުހަބާ ކިޔާފައެވެ.
I welcome Maldives Police @M_Hameedh concluding investigation of 1st part of May6Attack, Prosecutor General @HuShameem pressing charges against 4 accused, assurances from MPS&PG that wider links and financing are being investigated, and fully support PG's call for a public trial.
— Abbas Faiz (@tweetafaiz) August 10, 2021
އައްބާސް ވިދާޅުވީ ތަހުޤީޤުގެ ފުރަތަމަ ބައި ނިމިފައިވާއިރު، ދެން ކުރިއަށްދާނީ ތަހުޤީޤުގެ ދެވަނަ ބައިކަމަށެވެ. އެގޮތުން މިކަމަށް ފައިސާ ޚަރަދުކޮށްފައިވާ ގޮތާއި، ބޮމުގެ ހަމަލާއާ ގުޅޭ އެހެން ކަންކަން ތަހުޤީޤްކުރަމުންދާކަމުގެ ޔަޤީންކަން ފުލުހުންނާއި ޕީޖީ ދެއްވާފައިވާކަމަށްވެސް ފާއިޒު ވިދާޅުވިއެވެ. ފާއިޒު ވިދާޅުވީ މިހާރު ކުރިއަށްދާ ތަހުޤީޤުވެސް ވަރަށް ފުރިހަމައަށް، ވަރަށް އަވަހަށް ނިމިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ މިސްޓަރ އައްބާސް ފާއިޒް ހަމަޖައްސަވާފައި މެއި 19 ވަނަ ދުވަހުގައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުޤީޤްް ނިންމުމަށްފަހު މިހާރު ވަނީ 4 މީހަކަށް ދައުވާކުރުމަށް ފޮނުވާފައެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހުމަދު އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.