ކުޅިވަރު

ކޮޕަ ޑެލް ރޭ ފުޓްބޯޅަ މުބާރާތުން ރިއާލް ވަކިކުރުން ގާތް


   ކޮޕަ ޑެލް ރޭ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗް ކާމިޔާބުކުރި ނަމަވެސް މުބާރާތުން ރިއާލް މެޑްރިޑް ވަކިކޮށްފާނެކަމުގެ ބިރާ އެކްލަބުން ކުރިމަތިލާން ޖެހިއްޖެއެވެ. ކޮޕަ ޑެލް ރޭ ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ ބުރުގައި ރެއާލްމެޑްރިޑް ވަނީ ސްޕެއިންގެ ތިންވަނަ ޑިވިޝަންގެ ޓީމެއްކަމަށްވާ ކާޑިޒްގެ މައްޗަށް ތިނެއް އެކަކުން ކުރި ހޯދާފައެވެ. މެޗްގެ މައްސަލަ ހޫނުވީ ސަސްޕެންޝަނުގައި ހުރި ކުޅުންތެރިއެއްކަމަށްވާ ޑެނިސް ޗެރިޝޭވް ރެއާލްމެޑްރިޑުން ކުޅެން އެރުވުމުންނެވެ. މެޗުގައި ޗެރިޝޭވް ވަނީ ރިއާލް މެޑްރިޑުން މެޗުގައި ޖެހި ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދީފައެއެވެ. ޗެރިޝޭވް ސަސްޕެންޑް ވީ، މިދިޔަ ސީޒަނުގެ ސްޕެނިޝް ކަޕްގައި ބާސެލޯނާ އާއި ވިޔަރެއާލް ބައްދަލުކުރި މެޗުގައި، އޭނާއަށް ދެއްކި ރީނދޫ ކާޑުގެ ސަބަބުންނެވެ. އެ ކާޑުގެ ސަބަބުން މި ސީޒަނުގެ ސްޕެނިޝް ކަޕްގައި ރެއާލްއިން ކުޅޭ ފުރަތަމަ މެޗުގައި އޭނާއަށް ނުކުޅޭވޭނެއެވެ.ސަސްޕެންޝަނުގައި ހުރި ޗެރިޝޭވް ރޭގެ މެޗުގައި ކުޅުމާއި ގުޅިގެން ރޭގެ މެޗުން ބަލިވި ކާޑިޒްއިންވަނީ ރިއާލް މެޑްރިޑް މުބާރާތުން ވަކިކޮށްދިނުމަށް އެދި، ސްޕެއިން އެފްއޭއަށް ހުށަހަޅަން ނިންމާފައެވެ. މިމައްސަލައަށް މާދަމާ ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.ތިނެއް އެކަކުން ރޭ ރިއާލް މެޑްރިޑް މޮޅުވި މެޗުގައި ރިއާލް މެޑްރިޑްގެ ފުރަތަމަ ލަނޑު ޗެރިޝޭވް ޖަހައިދިންއިރު ރިއާލްގެ އަނެއް ދެ ގޯލް ޖަހައިދިނީ އިސްކޯއެވެ. ކާޑިޒްއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ މާކޭޒް ކްލެމެންޓެވެ.