ޚަބަރު

އެންމެ އަވަހަށް ކޯވިޑް ޙާލަތުން އަރައިގަންނަ ގައުމުތަކުގެތެރޭގައި ރާއްޖެ ހިމެނޭ: އަމީރު


އަވަސް ފިޔަވަޅުތަށް ނޭޅިނަމަ، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރަށްވުރެ ބޮޑުތަނުން ދަށަށް ދިޔައީސް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފްއިން ހާމަކުރާ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް ޙާލަތުން އެންމެ އަވަހަށް އަރައިގަންނަމުންދާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ.

ރާއްޖޭގެ ޢާއްމު މަސްލަޙަތުގެ މައްސަލަތަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސީ އެޑްވޮކަސީ ކޯކަސް (އެމްޕެކް)އިން ކުރިއަށްގެންދިޔަ އޮންލައިން މަހާސިންތާއެއްގަ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙުމަދު އަމީރް ވިދާޅުވީ ކޯވިޑްގެ ޙާލަތާ ގުޅިގެން 2020ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ނުވަތަ ޖީޑީޕީ %32ދަށަށް ދިޔަކަމަށެވެ. އެއަހަރު އާމްދަނީގެ ގޮތުގައި 30މިލިއަން ރުފިޔާ ރާއްޖެއަށް ވަންނާނެ ކަމަށް ބަޖެޓްކުރި ނަމަވެސް ލިބިފައިވަނީ 14ބިލިއަން ރުފިޔާއެވެ.

ކޯވިޑްގެ ޙާލަތާ ގުޅިގެން ރާއްޖެއަށް ބޮޑު ގެއްލުމަކާ ކުރިމަތިވެދާނެ ކަމަށް ބަލާ، ބަލި ރާއްޖެއަށް ފެތުރުމުގެ ކުރިންވެސް ސަރުކާރުންވަނީ ޙާލަތާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައެވެ. ސީދާ ކޯވިޑާ ގުޅޭ ކަންކަމަށް "ކޯވިޑް ރެސްޕޮންސް"ގެ ގޮތުގަ ސަރުކާރުން 3.7ބިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ. އޭގެތެރެއިން ސިއްޙީ ޚިދުމަތްތަކަށް 1.9ބިލިއަން ޚަރަދުކޮށްފައިވާއިރު، އިޤްތިޞާދު ވެއްޓުނު އަނދަވަޅުން އަރައިގަތުމަށް 1.7 ބިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވެއެވެ. ކޯވިޑްގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވި ގެއްލުމުން އަރައިގަތުމަށް 1.2ބިލިއަން ރުފިޔާ "ރިކަރީ ލޯން ސްކީމް"ގެ ގޮތުގަ ސަރުކާރުން ދޫކޮށްފައިވެއެވެ. އަދި ވަޒީފާ ގެއްލުނު މީހުންނާ އާމްދަނީއަށް އަސަރުކުރި މީހުންނަށް އިންކަމް ސަޕޯޓްގެ ގޮތުގަ 420މިލިއަން ރުފިޔާ ދޫކުރިއެވެ. އެއީ 20،000އަށްވުރެ ގިނަ މީހުންނެވެ. މީގެއިތުރަށް ފެނާއި ކަރަންޓު ބިލުން ސަބްސިޑީ ދިނުމަށްވެސް ބޮޑު ޚަރަދެއްކޮށްފައިވެއެވެ.

"އިޤްތިޞާދަށް ކުރި އަސަރު ކުޑަކުރެވުނީ ސަރުކާރުން އެޅި އަވަސް ފިޔަވަޅުތަކުން. މިދިޔަ އަހަރު ޖީޑީޕީ %32ގެ ޑިކްރީސްއެއް އައި، މިކަމުން މުޅިން އަރައިގަނެ ކުރީގެ ޙާލަތަށް ދެވޭނެކަމަށް ޤަބޫލުކުރެވޭނީ 2023ވަނަ އަހަރުގެ ކުރީކޮޅު." އަމީރް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އަޙުމަދު އަމީރް ވިދާޅުވީ އިޤްތިޞާދު މަޑުމަޑުން އާރާސްތުވާން ފަށާފައިވާކަމަށެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ ފަތުރުވެރިކަމުން ފެންނަމުންދާ ކުރިއެރުމެވެވެ. އެގޮތުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ އެވްރެޖްކޮށް މިހާރު ދުވާލަކު 4000ފަތުރުވެރިން ރާއްޖެ އާދެއެވެ.

މިނިސްޓަރ ވިދާޅުވީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފްއިން ހާމަކުރާ މަޢުލޫމާތަށް ބަލާއިރު، ކޯވިޑްގެ ހާލަތުން އެންމެ އަވަހަށް އަރައިގަންނަމުންދާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިނަލްއަޤްވާމީގޮތުންވެސް ބޮޑެތި އެހީތައް ލިބެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން ފުރަތަމަ ލިބުނު 20މިލިއަން ޑޮލަރު ޑިސްޕަރސްވެ ނިމިފައިވަނީ، ފަތުރުވެރިކަން އެކަންޏެއް ނޫން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްވެސް. ޑިމާންޑް އިތުރުވެ އިތުރު 20މިލިއަން ޑޮލަރުގެ އެހީއަށްވެސް ހުޅުވާލި، އެޕްލިކޭޝަންތައް ނިމި ދޫކުރަން ތައްޔާރުވެފައިވަނީ. މިކަން ކުރަނީ ބީއެމްއެލް މެދުވެރިކޮށް." އަމީރު ވިދާޅުވިއެވެ.

މިމަހާސިންތާގައި މިނިސްޓަރވަނީ ސަރުކާރުގެ ތަޞައްވުރުތަކާއެކު، އިޤްތިޞާދީ ދާއިރާއަށް ރޭވިފައިވާ ކަންކަންވެސް ޙިއްސާކޮށްފައެވެ. އެގޮތުން މަސްވެރިކަމާ ފަޅުގެ ނަފާއާއި، ގުޅިފަޅު ޕޯޓް މަޝްރޫއާއި، ދަނޑުވެރިކަން ފުޅާކުރުން އަދި ފަތުރުވެރިކަމުގެ އާ ވައްތަރުތައް ރާއްޖެއަށް ފުޅާކުރުމާގުޅޭ މަޢުލޫމާތު މިނިސްޓަރ ޙިއްސާކުރެއްވިއެވެ.