ޚަބަރު

މެސީ ދެން ފެނުން ގާތީ ކޮން ކްލަބަކުންބާ؟


ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރާ އެއް ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ލިއޮނެލް މެސީ މިވަގުތު ހުރީ ކްލަބެއް ނެތިއެވެ. އެއީ އޭނާ ގެންދަން ބޭނުންވާ ކްލަބެއް ނެތިގެނެން ނޫނެވެ. މެސީ ގެންދަން ބޭނުން ނުވާނެ އެއްވެސް ކްލަބެއް އޮންނާނެ ހެނެއް ހިއެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާގެ މުސާރަ މިހާރުގެ ހާލަތަށް ބަލާއިރު ދެވޭނެ ކްލަބްތައް މަދުވުމުންނެވެ.

އުމުރުން މިހާރު 34 އަހަރުގެ މެސީ ބޭނުންވަނީ އޭނާ ވޭތުވެދިޔަ 21 އަހަރު ހޭދަކުރި އެފްސީ ބާސެލޯނާގައި މަޑުކުރާށެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން ކްލަބްތަކަށް ކޮށްފައިވާ މާލީ ގެއްލުމުގެ ސަބަބުން ބާސާއަށް މެސީ އެކްލަބްގައި ބެހެއްޓޭކަށް ނެތެވެ. އެކްލަބްގެ މާލީ ހާލަތު ހުރިގޮތުން މެސީއަކީ އެކްލަބްގައި ބެހެއްޓޭވަރަށްވުރެ އަގުބޮޑު ކުޅުންތެރިއެކެވެ. ބާރސާގެ ރައީސް ހުއާން ލަޕޯޓާ ހާމަކުރިގޮތުގައި މެސީ އެކްލަބްގައި ބަހައްޓާއިފިނަމަ ކުރިއަށް އޮތް 50 އަހަރަށް އެކްލަބަށް ގެއްލުންވާނެއެވެ. އެހެން ކަމުން މެސީ ބެހެއްޓެން ނެތް ކަމަށެވެ. ބާރސާއަށް އަލްވަދާއު ކިޔުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮވިފައިހުރި މެސީ ހާމަކުރިގޮތުގައި އޭނާ ބާރސާ ދޫކޮށް ދާކަށް ބޭނުމެއް ނޫނެވެ. މިއީ އޭނާ ވަރަށް ލޯބިވާ ކްލަބެކެވެ. މިއީ މިކަން ވާނެކަމަށް އޭނާ އުންމީދު ކުރި ކަމެއް ނޫންކަމަށްވެސް މެސީ ހާމަކުރިއެވެ. މެސީ ހާމަކުރިގޮތުގައި މިދިޔަ އަހަރު އޭނާ ކްލަބް ދޫކޮށް ދާން ބޭނުން ވި ކަމަށާއި ނަމަވެސް މިއަހަރު އޭނާ ބޭނުންވީ ކްލަބްގައި މަޑު ކުރަން ކަމަށެވެ. އެހެންވޭ އޭނާއަށް ލިބުނު ހިތްދަތިކަން ވަރަށް ބޮޑު ކަމަށެވެ. އޭނާ އަދިވެސް ހުރިހާ އޭނާގެ ހަޔާތަށް އައްނަންއުޅޭ ބޮޑު ބަދަލަށް މުޅިން ތައްޔާރު ނުވެވިއެވެ. 13 އަހަރުން ފަށައިގެން ކުޅޭމުންދިޔަ ކްލަބް ދޫކޮށް އެހެން ކްލަބަކަށް އުމުރުން 34 އަހަޕރުގައި ބަދަލުވާން ޖެހުމެވެ.

ގިނަ ބަޔަކަށް އަދިވެސް ގަބޫލް ކުރަން ދަތިވެފައިވީ ނަމަވެސް މިހާރު ވާހަކަތައް ހުރިގޮތުން މެސީ އާ ސީޒަންގައި ފެނުން ގާތީ އެހެން ކްލަބަކުންނެވެ. ނަމަވެސް ދެން އޭނ ފެނިގެންދާނީ ކޮން ކްލަބަކުންތޯ މިއީ އުފެދޭ އންމެ ބޮޑު ސުވާލެވެ. ނަމަވެސް ހުރިޙާ ކްލަބަކުންވެސް މްެސީ ބޭނުންވި ނަމަވެސް ފައިސާގެ ދަތިތަކާހެދި އެނާއަށް އޮތް ފުރުސަތުތަށް މާގިނަ ނޫން ކަމަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް މެސީ ހާމަކުރާގޮތުގައި އޭނާއަށް ގިނަ ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށައި އެކަންތައްތަށް ބަލަމުން އަންނަ ކަމަށެވެ. މިހުރިހާ ކަމަކާއެކުވެސް މިހާތަނަށް ފާޅުގައި މެސީ އާއި ގުޅުވައިގެން އިވިފައިވާ ނަމަކީ ފަރަންސޭސި ލިގު އާންގެ ޕެރިން ސެއިންޓް ޖަތމެއިން އެވެ. ޕީއެސްޖިއަކީ މެސީ އެކްލަބަށް ގެންދަން ބޭނުނ ވާކަން އަބަދުވެސް ހާމަކުރަމުން އަންނަ ކްލަބެކެވެ. އަދި މެސީ އާއި އޭނާގެ ޓީމާއި ޕީއެސްޖީއިންވަނީ މިދިޔަ އަހަރުގެ ހާދިސާއަށްފަހު ގާތް ގުޅުމެއ ބަހައްޓާ ކަންތައްތައް ވަމުންދިޔަގޮތް ގާތުން ބަލާފައެވެ. މިގޮތުން ދެން މެސީ ފެނިގެންދާނީ ޕީއެސްޖީއިން ކަމަށް އަޑު މިހާރުވަނީ ވަރަށް ގަދައަށް ފެތުރިފައެވެ. އަދި އެކްލަބްގެ ސަޕޯޓާރުންވަނީ ޕެރިހުގެ އައަރޕޯޓް ދޮށަށް މިހާރުވެސް އެއްވާން ފަށާފައެވެ. ނަމަވެސް މެސީ ޕީއެސްޖީއަށް ދިއުން ހުއްޓުވުމަށް ބާރސާއިން މަސައްކަތް ކުރަމުންދާކަމަށްވެސް ވަނީ ވާހަކަ ދެކެވެން ފަށާފައެވެ. ބާރސާއިން ގަބޫލް ކުރާގޮތުގައި ޕީއެސްސީގެ ފައިނޭންޝިއަލް ފެއަރ ޕްލޭ ބާރސާއަށްވުރެވެސް ގޯހެވެ. މިގޮތުން ބާރސާގެ ލޯޔަރުން ވަނީ ޔޫރަޕިއަން ކޯޓް އޮފް އެޕީލްއަށް މިމައްސަލަ ހުށަހަޅާ މެސީ ޕީއެސްޖީއަށް ސޮއި ކުރުން ހުއްޓުވުމަށް އެދިފައެވެ. މިޔާއެކު ދެން އުފެދޭ ސުވާލަކީ ބާރސާއިން ބޭނުންވަނީ ކޮންކަމެއް ތޯއެވެ. މެސީ ބާރސާގައި ބެހެއްޓެން ނެތް އިރު އޭނާ އެހެން ކްލަބަކަށް ސޮއި ކުރާކަށްވެސް އެކްލަބުން ބޭނުން ނުވަނީހެއްޔެވެ. ނުވަތަ އެކްލަބުން ބޭނުންވަނީ މެސީ ދާނެ ކްލަބެއް ނެތި އެންމެފަހުން ބާރސާއަށް އަގަކާ ނުލާ ކުޅެދޭން ހެއްޔެވެ. ހަމަ ގައިމުވެސް ޔަގީންވާ ކަމަކީ މެސީ ބާރސާއަށް ސޮއި ނުކުރެވުމުގެ ފަހަތުގައި އެކްލަބްގެ މާލީ ހާލަތުގެ އިތުރުންވެސް އިތުރު ކަމެއް ނުވަތަ ކަންތައްތަކެއް އޮތުން ވަރަށް ގާތް ކަމެވެ.

ސުވާލު އުފެދޭ ސަބަބުތަށްވެސް ގިނައެވެ. ބާރސާގެ ރައީސް ލަޕޯޓާ މިދިޔަ ހުކުރު ދުވަހު މެސީ އެކްލަބްގައި ބެހެއްޓެން ނެއްވާހަކަ ބުނުމުގެ ކުރިން އެއްވެސް އިރެއްގާ މެސީގެ ކޮންޓްރެކްޓްގެ ކަންތައްތަކުގައި އެއްވެސް މައްސަލައެއް އުޅޭކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަބަދުވެސް ބުނަމުން ދިޔައީ މެސީ އާއި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އޭނާ ސޮއި ކުރުވުމުގެ ކަންތައްތަށް ކުރަމުން އަންނަ ކަމަށެވެ. އަދި އާސީޒަން ފެށެން މިހާ ގާތް ވެފައިވަނިކޮށް އެހެން ކްލަބް ތަކުންވެސް އާސީޒަނަށް ކުރަމުންދާ ވިޔަފާރި ތަކާއި އެހެނިހެން ކަންތައްތައް ކޮށްނިމެން ގާތްވެފައިވަނިކޮށް މިކަން ހާމަކުރުން މިއީ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމެކެވެ. ކްލަބަށް ކުރިއަށް އޮތް 50 އަހަރަށް ގެއްލުން ވާނެކަން އެނގުނީ ކުއްލިއަކަށްތޯވެސް މިއީ އުފައްދާ ސުވާލެކެވެ. ހަމަ އެއާއެކު މެސީ ބާރސާގައި އެހާ މަޑު ކުރަން ބޭނުންވެގެންއުޅޭއިރު އޭނާގެ މުސާރަ މިހާރު ކުޑަކުރި ވަރަށްވުރެވެސް ކުޑަކޮށްގެން މަޑު ނުކުރަންވީ ކީއްވެހެއްޔެވެ. ނުވަތަ އޭނާ މުޅި ކްލަބް ހަޔާތް ހޭދަކުރި ބާރސާއަށް އޮތް ލޯތްބައްޓަކާއި އެކްލަބަށް ހިލޭ ނުކުޅެދޭންވީ ކީއްވެތޯ ސުވާލު ކުރާ މީހުންވެސް މަދެއް ނޫނެވެ. މިހިރީ ހައްތަހާވެސް ވާހަކަ ދެކެވޭނެ ކަންތައްތަކެވެ. އަދި މެސީ ބާރސާ ދޫކޮށް ދިޔަ ނަމަވެސް މިއީ މިވާހަކައިގެ ނިމުމަކަށް ވެގެން ދާނެކަމަކަށް އަދި ނުބެލެވެއެވެ. އަދި މިކަމާއި ގުޅޭ އިތުރު ވާހަކަތައް ކުރިއަށް އޮތް ތާނގާވެސް އަޅުގަނޑުމެންނަށް އިވެމުންދާނެކަމަށް ބެލެވެއެވެ. މެސީ ޕީއެސްޖީއަށް ބަދަލުވެއްޖެނަމަ މިދޔަ ސީޒަންގައި ސްޕެނިޝް ލަލީގާގެ ބޮޑު ދެބާރުގެ ގޮތުގައި ބެލެވިފައިވާ ރެއާލް މެޑްރިޑާއި ބާރސާގެ ދެ ކެޕްޓަނުންވެސް މިސީޒަންގައި އެކްލަބަކަށް ކުޅޭތަން ފެނިގެންދާނެއެވެ.