ވިޔަފާރި

އިމާރާތްކުރުމުގެ ސިނާއަތުގެ ހުރިހާ މުވައްޒަފުން ވެކްސިން ޖެހުމަށް މަސީން ޚާއްސަ މަސައްކަތްތަކެއް


އިމާރާތްކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ވެކްސިން ޖަހާފައިވާ ބަޔަކަށް ހެދުމުގެ މަސައްކަތް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ފަށައިފިއެވެ. ކުންފުނިތަކުގައި ވެކްސިން ޖަހާފައިވާ މުވައްޒަފުންނަކީ ކޮބައިތޯ ބެލުމަށް އެ އެސޯސިއޭޝަނުން ވަނީ ފޯމެއް ކުންފުނިތަކަށް ފޮނުވާފައެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ އެންމެންވެސް ކޯވިޑް-19ގެ ވެކްސިން ޖަހަން، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވަނީ އެދިވަޑައިގެންފައެވެ. ޖަނާހު ވިދާޅުވީ، ކޯވިޑްގެ ބަލިމަޑުކަމާއެކު ކޮންސްޓްރަކްޝަން ސިނާއަތައް ކުރިމަތިވި ގެއްލުންތަކާއި ނޭދެވޭ އަސަރުތައް ކުޑަކޮށް އަލުން މަސައްކަތް ފެށުމަށް ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ވެކްސިން ދިނުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ވެކްސިން ދިނުމުގެ ސަބަބުން އަލަށް އެކުލަވާލާ އުސޫލުތަކުގެ ތެރެއިން އެއްރަށުން އަނެއްރަށަށް ދަތުރުކުރުމާއި މަސައްކަތްތަކާއި ގުޅިގެން ކުރެވޭ މުއާމަލާތްތަކުގައި ފަސޭހަވެ އަދި ކުންފުންޏަށް ފައިދާކުރާނެކަމަށެވެ. އެހެންކަމުން ސަރުކާރުން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމަށް މި ދާއިރާގެ ކުންފުނިތަކުން އެއްބާރުލުން ދިނުމަށް މަސީގެ ރައީސް ވަނީ ގޮވާލާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޖަނާހު ވިދާޅުވީ، ދާއިރާގެ ވަރަށް ގިނަ މީހުން މިހާރުވެސް ވެކްސިން ފުރިހަމަކޮށްފައިވާކަމަށެވެ. ނަމަވެސް ޑޮކިއުމަންޓް ނެތި އުޅެމުންދާ ބިދޭސީ ބައެއް މަސައްކަތްތެރިން އަދިވެސް ވެކްސިން ފުރިހަމަ ނުކުރާކަމަށެވެ. މަސީގެ އަމާޒަކީ މިމަސް ނިމުމުގެ ކުރިން އިމާރާތްކުރުމުގެ ސިނާއަތުގެ އެންމެންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުންކަމަށެވެ. އަދި ސެޕްޓެމްބަރ އޮކްޓޯބަރ މަހުގެ ތެރޭގައި ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމަކީ އެ ޖަމިއްޔާގެ އުންމީދެއްކަމަށެވެ.

އިމާރާތްކުރުމުގެ ސިނާއަތުގައި 50،000 މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޖަނާހު ވިދާޅުވީ، ގާތްގަނޑަކަށް މިހާރު 35،000 މީހުން ވެކްސިން ޖަހާފައިވާނެ ކަމަށް ޤަބޫލުކުރެވޭކަމަށެވެ.