ވިޔަފާރި

ކްރެޑިޓް ކާޑާއި އެކައުންޓުގެ މަޢުލޫމާތު ހޯދުމަށް ބޭންކުން ނޭދޭނެ


ބޭންކް އޮފް މޯލްޑިވްސްގެ އެއްވެސް ކަސްޓަމަރެއްގެ ސިއްރު މަޢުލޫމާތު އެއްވެސް ޙާލަތެއްގައި އެ ބޭންކުން ނުހޯދާނެ ކަމަށް އެބޭންކުން ބުނެފިއެވެ.މިކަން ހާމަކުރީ އޮޅުވާލައިގެން ކްރެޑިޓް ކާޑު ނަމްބަރު ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާކަން އެކިއެކި މުއައްސަސާތަކުން ހާމަކުރެއްވުމާ ގުޅިގެން އެ ބޭންކާއި ފުލުހުންނާއި މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.އޮޅުވާލުމާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަށް ފުރަތަމަ ފާހަގަ ކުރެވިގެންގޮސްފައިވަނީ މުޢާސަލާތީ ޚިދުމަތްދޭ ކުންފުނިތަށް މެދުވެރިކޮށް އެކި ނަންނަމުގައި ޢާންމުންނަށް ގުޅަން ފެށުމުންނެވެ. އެގޮތުން ތަފާތު އެކިއެކި ޕްރޮމޯޝަން ތަކުގެ ނަމުގައި ޕްރިޕެއިޑް ނަމްބަރ ތަކަށް ގުޅައިގެން ރިޗަރޖް ކޮށްދިނުމަށް އެދި މީހުންގެ އަތުން ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ.އެހެން ނަމަވެސް މިހާރު ފެންމަތިވެފައިވާ އަނެއްމައްސަލައަކީ ބީއެމްއެލްގެ ނަމުގައި މީހުންނަށް ގުޅައިގެން ކްރެޑިޓްކާޑުގެ ނަމްބަރާއި ޕިން ނަމްބަރ ހޯދަމުންދާ މައްސަލަތަކެވެ.ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ އާންމުންގެ ކާޑުގެ ޕިން ނަމްބަރު ފަދަ މަޢުލޫމާތުތަކަކީ ބޭންކުން އެއްވެސް ހާލަތެއްގައި ހޯދާނެ މަޢުލޫމާތެއް ނޫންކަމަށެވެ. އެހެންކަމުން ކާޑާއި އެކައުންޓާއި ގުޅޭ ސަލާމަތީ ސިއްރު އެއްވެސް މަޢުލޫމާތެއް އެއްވެސް މީހަކާއި ހިއްސާނުކުރުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ. އަދި އެފަދަ އެއްވެސް މަޢުލޫމާތެއް ގުޅަމުންދާ ބަޔަކަށް ދެވިފައިވާނަމަ ވީ އެންމެ އަވަހަކަށް ބޭންކަށް އެކަން އަންގަންގައިދިނުމަށް ބޭންކިން ޑައިރެކްޓަރ މުހައްމަދު ޝަރީފް އިލްތިމާސްކުރެއްވިއެވެ.އޮޅުވާލުމުގެ މިފަދަ މައްސަލަތަކާއި ގުޅޭގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، ރައްޔިތަކަށް މިފަދަ ފޯންކޯލެއް އަޔަސް އެއްވެސް ވަރަކަށް އެފަދަ މަޢުލޫމާތެއް ހިއްސާ ނުކުރުމަށް ފުލުހުންވެސް އިލްތިމާސް ކުރައްވާ ކަމަށެވެ. އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށް ނަވާޒް ވިދާޅުވިއެވެ. އަދި އެފަދަ ފޯންކޯލްތަށް ކުރާ ނަމްބަރުތަށް ބްލޮކް ކުރުމުގެ މަސައްކަތްވެސް ފުލުހުން ކުރައްވަމުން ގެންދަވާ ކަމަށްވެސް ނަވާޒް ވިދާޅުވިއެވެ.އެއްވެސް ކުންފުންޏަކުން ރައްޔިތުންގެ އަތުން ފައިސާ ހޯދުމަށް ފޯނުކޯލްތަށް މެދުވެރިކޮށް ޕްރޮމޯޝަންތައް ނުހިންގާނެ ކަމަށް މުޢާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުންވެސް ވިދާޅުވެއެވެ. އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެއްގައި މިފަދަ ކަންކަމަށް ހުރިހާ ރައްޔިތުންވެސް ސަމާލުވުމަށް ކުންފުނިތަކުން އިލްތިމާސް ކުރެއެވެ.