ޚަބަރު

ޓީޗަރުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރުމަށްވަނީ ނިންމަވާފައި: ރައީސް


2022ވަނަ އަހަރުގެ ބަޖެޓުގަ ހިމަނައިގެން ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ހާމަކުރައްވައިފިއެވެ. ދިރާސީ އާ އަހަރުގެ ފެށުން ފާހަގަކުރުމަށް ރެހެންދި ސްކޫލްގަ ބޭއްވި ޚާއްސަ އެސެމްބްލީގަ ބައިވެރިވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާވަނީ، ކޯވިޑްގެ ހާލަތާއެކު އުނގަންނައިދިނުމަށް މުޅި ދާއިރާއިން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އައު އާއްމު ޙާލަތުގައި މި ފަށާ ދިރާސީ އާ އަހަރަށް ދަރިވަރުންނަށާއި ޓީޗަރުންނަށް އެމަނިކުފާނުވަނީ މަރުހަބާ ވިދާޅުވެފައެވެ.

ދިރާސީ އައު އަހަރު ފެށުމަށް ރެހެންދި ސްކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލީގަ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ކޯވިޑްގެ ޙާލަތާ ގުޅިގެން އެންމެ ބޮޑު އަސަރެއްކުރި ދާއިރާއަކީ ތަޢުލީމީ ދާއިރާކަމަށެވެ. ދަތި އުނދަގޫ ހާލަތުގައިވެސް ކިޔެވުން މުޅިން ހުއްޓާނުލާ އުނގަންނައިދިނުމުގެ ކަންކަން ރާވާ ތަންފީޒުކުރުމުގައި ސްކޫލްތަކާއި ޓީޗަރުންނާއި ބެލެނިވެރިން ކުރި ބުރަ މަސައްކަތަކީ މަތިވެރި ޖިހާދެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ސިފަކުރައްވާފައެވެ. އަދި ގޭގަ ތިބެންޖެހުމުގެ ސަބަބުން ކުދިންނަށް އިޖްތިމާއީގޮތުންނާއި ނަފްސާނީ ގޮތުން ކުރިމަތިވި ކަންކަން ޙައްލުކުރާ އަހަރަކަށް މި ދިރާސީ އަހަރު ހަދަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ ކޮންމެ ޙާލަތެއްގައިވެސް ތަޢުލީމު ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ދަރިވަރުންނަށް ގޮވާލެއްވިއެވެ.

"މިކަމުން ލިބުނު އެންމެ ބޮޑު ތަޖުރިބާއަކީ ކޮންމެ ޙާލަތެއްގައި ކޮންމެ ތަނެއްގައިވެސް ކިޔެވޭނެކަން. ކުރިމަތިވާ އުނދަގޫތައް ގިރާކޮށް، ޤައުމަށް ފައިދާހުރި ކުއްޖަކަށްވުމަށް ކޮންމެ ޙާލަތެއްގައިވެސް ދަރިވަރުން މަސައްކަތްކުރަންޖެހޭ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި މިޙާލަތުގައި އުނގަންނައިދިނުމުގެ އެންމެ ބުރަ މަސަކަތެއް ކުރެއްވި ބަޔަކީ ޓީޗަރުން ކަމަށެވެ. ޤައުމު ބިނާކުރުމަށް ބޭނުންވާ މީހުން އުފެއްދުމުގައިވެސް ބޮޑު ދައުރެއް އަދާކުރާ ބަޔަކީ ޓީޗަރުންކަން ފާހަގަކުރައްވާ، ޓީޗަރުންނަށް ރަނގަޅު ގޮތްތަކެއް އަންނަ އަހަރުގެ ބަޖެޓުގައި ހަމަޖައްސަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޓީޗަރުންގެ މަސައްކަތަކީ ވަޒަން ނުކުރެވޭފަދަ ބުރަ މަސައްކަތެއް. އަންނަ އަހަރުގެ ބަޖެޓުގަ ހިމަނައިގެން ޓީޗަރުންގެ މުސާރައާ އިނާޔަތް ބޮޑުކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. އަދި ކިޔަވައިދިނުމުގެ ދަތިކަން ހުރި ރަށްރަށަށް ގޮސް ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށްވެސް އިނާޔަތްތަކެއް ހަމަޖައްސާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ހުރި އިޖުތިމާޢީ އެކި އެކި މައްސަލަތައް ޙައްލުކުރުމުގައިވެސް ތަޢުލީމީ ދާއިރާ ބޮޑު ދައުރެއް އަދާކުރާކަމަށެވެ.

ކޯވިޑް ޙާލަތަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި، ބަލިން އަރައިގަނެ މި ލިބުނު ކުރިއެރުން ދެމެހެއްޓުމަށް އެންމެން އެކުގަ މަސައްކަތް ކުރަންޖެހޭކަމަށެވެ. ޙާލަތު ގޯސްވެ އެތައް ޤައުމެއް ތަޢުލީމުން މަހުރޫމުވެފަވާއިރު، މިހާލަތުން އަރައިގަނެ ސްކޫލްތައް ހުޅުވާ ކިޔަވައިދޭން ފެށި މަދު ޤައުމުތަކުގެ ތެރޭގައި ރައްޖެ ހިމެނޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެގޮތުން ސްކޫލްތައް ހުޅުވާ ކިޔަވައިދޭން ފެށި ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ހިމެނެނީ ބޫޓާން، ޖަޕާން، ތައިލެންޑް، ދެކުނު ކޮރެއާ، ބުރުނާއީ، އަރްމީނިއާ. ޖޯޖިއާ އާއި ސިންގަޕޫރެވެ. އެހެންކަމުން ރާއްޖެއަށް މި ލިބުނު ކުރިއެރުމުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިނުރައްކާތެރި ވަބާ އަދިވެސް އައިސްދާނެ ކަމަށް ސަމާލުވާންޖެހޭ. މިގޮތުގަ ޙާލަތު ދެމެހެއްޓުމަށް ޓީޗަރުންނާއި ބެލެނިވެރިންވެސް ގަދައަޅާ މަސައްކަތް ކުރަންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެސެމްބްލީ ނިންމަވާލައްވާ ރައީސުލްޖުމްހޫރިއްޔާވަނީ ސްކޫލްގެ ކިޔެވުމުގެ ކަންކަން ހަމަޖައްސާފައިވާގޮތް ބައްލަވާލައްވާފައެވެ. ރެހެންދި ސްކޫލަށް ކުރި މި ޒިޔާރަތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.