ޚަބަރު

އަހަރުގެ މެދުތެރޭގައި ފަށާ ފުރަތަމަ ދިރާސީ އަހަރު 92000 ދަރިވަރުންނާއެކު


92،000 ދަރިވަރުންނާއެކު، 2021ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށައިފިއެވެ. މިއީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ދިރާސީ އަހަރުގެ ކިޔެވުން، އަހަރެއްގެ މެދުތެރެއިން ފެށި ފުރަތަމަ ފަހަރުއެވެ. އަހަރުގެ މެދުތެރެއަށް ކިޔެވުން ފެށުން ބަދަލުކުރިނަމަވެސް، ކިޔަވައިދިނުން ކުރިއަށްދާނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން 2 ޓަރމަށް ބަހާލައިގެން އެކަޑަމިކް ކަލަންޑަރުގެ ތާވަލާ އެއްގޮތަށެވެ.

ކޯވިޑް19ގެ ޙަލަތާ ގުޅިގެން ނިމުނު ދޮޅުއަހަރެއްހާ މުއްދަތު ވެގެންދިޔައީ ތަޢުލީމީ ނިޒާމަށް ދަތިއަހަރަކަށެވެ. ސްކޫލަށް ހާޒިރުނުވެވުމުގެ ސަބަބުން ތަޢުލީމުގެ އިތުރަށް ދަރިވަރުންނަށް ބޭނުންވާ އިތުރު ހަރަކާތްތަކުން މަހުރޫމުވެ ގޭ ބަންދުގަ ތިބެންޖެހުނު އަހަރަކަށެވެ.

ކޯވިޑްގެ ޙާލަތު ރަނގަޅުވެ އާ ދިރާސީ އަހަރު މިފެށީ، ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭ އަހަރެއްގެ ގޮތުގައެވެ. ސްކޫލަށް ހާޒިރުވެގެން ކިޔެވުން ކުރިއަށްގެންދެވޭތީ ދަރިވަރުންނާ ބެލެނިވެރިންވެސް ތިބީ އުފަލުންނެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ މާލޭގެ ސްކޫލްތަކާ އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ހިމެނޭހެން 92،936 ދަރިވަރުންނާއެކުއެވެ. ދިރާސީ އާ އަހަރަށް ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ސްކޫލްތަކުގައިވެސް އެކިއެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އަދި ސްކޫލްތަކުގެ ކިޔެވުން ފެށުން ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ ވަޒީރުން ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކަށް މިއަދު ޒިޔާރަތްކުރައްވަމުންނެވެ.

ދިރާސީ އަހަރުގެ ކިޔެވުން ދެ ޓަރމަށް ކުރިއަށްގެންދާއިރު މި ފެށި ފުރަތަމަ ޓަރމްގެ ކިޔެވުން ޑިސެމްބަރުމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ތިން ހަފްތާގެ ބަންދަކަށްފަހު ސްކޫލްތަކުގެ ދެވަނަ ޓަރމްގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ 16ވަނަ ދުވަހުއެވެ. 2021ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ 2022ވަނަ އަހަރުގެ ޖޫންމަހުގެ 30ވަނަ ދުވަހުއެވެ.

ސްކޫލްތަކަށް ކުދިން ހާޒިރުވެގެން ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާއިރު ސްކޫލްތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާއްމު ހާލަތުގައިވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

ނަމަވެސް ސްކޫލް މާޙައުލުގަ ބަލި ފެތުރުނަ ނުދިނުމަށްޓަކާ، ޢަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކެއް މިނިސްޓްރީން ކަނޑައަޅާ ސްކޫލްތަކަށްވަނީ އަންގާފައެވެ. އެގޮތުން ސްކޫލަށް ކުދިން ހާޒިރުކުރުމުގަ ވީހާވެސް ތޮއްޖެހުން ކުޑަވާނެހެން ދަރިވަރުން ހާޒިރުކުރާ ގަޑިތައް މާލެ ސަރަޙައްދުގަ ހަމަޖެއްސުމާ، ކްލާސްރޫމް ތަރުތީބުކުރުމުގަ ގައިދުރުކަން ބެހެއްޓުމާ، ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުމާ ހުންބެލުމާ އަތްދޮވުމާ ސެނިޓައިޒްކުރުމާ ޑިސްއިންފެކްޓް ކުރުންފަދަ ކަންކަން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެއެވެ.

ދަރިވަރުންނަށް މާސްކާއި ނުލައި 3 ފޫޓު ދުރުމިނުގައި ތިބެ ހެލިފެލިވެ އުޅެވޭނެ ވަގުތުކޮޅެއްވެސް ތާވަލުގަ ހިމަނާފައިވެއެވެ. މި ވަގުތުކޮޅު ތޮއްނުޖެހޭގޮތަށް އެކި ކްލާސް އެކި ވަގުތުގައި ހަމަޖެއްސުމަށް އެޑިއުކޭޝަނުން ސްކޫލްތަކަށްވަނީ އަންގާފައެވެ.

ސްކޫލް މާހައުލުގައި ބަލީގެ ރައްކާތެރިކަން އިތުރުކުރުމަށް، ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ވެކްސިން ކޭމްޕެއްވެސް ކުރިއަށްގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ނިންމާފައެވެ.