ޚަބަރު

ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 285،000އިން މައްޗަށް


އާދީއްތަދުވަހު ވެކްސިންގެ ދެ ޑޯޒް ޖެހި 1600 މީހުންނާއެކު ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 285،000އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އާދީއްތަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 1602 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ފުރިހަމަކުރި 953 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ފުރިހަމަ ކުރި 649 މީހުންނެވެ. މިއާއެކު ދެޑޯޒް ޖަހާ ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދުވަނީ 285،931އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް އާދީއްތަދުވަހު ޖަހާފައިވަނީ 1150 މީހުންނެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 669 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 481 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 331،654އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް އާއި އެސްޓްރަޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށްވާން ފަށާފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ވެކްސިން ކަވަރޭޖް މަތިކޮށް، ވެކްސިން ޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ޖެހުމުގެ މުޅިން އައު ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން މިމަހުގެ ނިޔަލަށް ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ %90 އަށް މިމަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.

އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ރާއްޖެއިން ތައްޔާރުވެފައިވާއިރު، އެކަމަށް ބޭނުންވާ ފައިޒާ ވެކްސިން މިހާރުވަނީ ރާއްޖެއަށް ލިބިފައެވެ.