ޚަބަރު

ދިރާސީ އައު އަހަރާއެކު ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުމުގެ ޙައްޤު ލިބިގެންދާނެ: މިނިސްޓަރ


މިއަދު މިފެށުނު ދިރާސީ އައު އަހަރާއެކު މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުމުގެ ޙައްޤު ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިފެށުނު ދިރާސީ އައު އަހަރުގެ މުނާސަބަތުގެ ދެއްވި ޚިޔާބެއްގައެވެ.

ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެޑިއުކޭޝަން މިނިސްޓަރ ދެއްވި ޚިޠާބުގައި ވިދާޅުވީ ޤައުމު ބިނާކުރުމުގައި މުދައްރިސުންގެ ދައުރު ފާހަގަ ކުރައްވާ އެކަން ބަލައިގަންނަކަމަށެވެ. އެގޮތުން މުދައްރިސުންގެ މުހިންމު ދައުރު ބަލައިގަންނަކަމުގެ ރަމްޒެއްގެ ގޮތުން، އެންމެ ފުރަތަމަ މުސާރަ ބޮޑުކުރާ ބައެއްގެ ގޮތުގައި، ތަޢުލީމީ ދާއިރާގެ މުވައްޒަފުން ހިމަނަން، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މުދައްރިސުންގެ އުޖޫރައަކީ، ފައިސާއިން ހަމަޖެއްސޭނޭ އެއްޗެއް ނޫންކަމަށެވެ. އަދި އެއީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުޖުތަމަޢުގެ މީހުންގެ މެދުގައި މުދައްރިސުންނަށް އޮންނަ ލޯތްބާއި އިޙްތިރާމްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދިރާސީ އާ އަހަރާއެކު ތަޢުލީމާ ބެހޭ ޤާނޫނެއް ފާސްކުރެވި އެއަށް ޢަމަލުކުރަން ފަށާނެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މި ޤާނޫނުން މުދައްރިސްކަން ކިޔަވާއިރު ހިމަނަންޖެހޭ ބައިތައް ކަނޑައެޅުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންދާ ކަމަށެވެ. އަދި މި ޤާނޫނާއެކު މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުމުގެ ޙައްޤު ލިބިގެން ދާނެކަމަށާއި މިކަމުގެ ނަތީޖާއެއްގެ ގޮތުން މުދައްރިސްކަމުގެ ތަޢުލީމު ހަރުދަނާވެ، ހުނަރުވެރި އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ މިއަހަރަކީ، ކުރީ އަހަރުތަކުގެ ތަކުރާރެއްކަމުގައި ނުބައްލަވައި، ކިޔަވައިދެއްވާ ކޮންމެ ފިލާވަޅަކަށް އައު ކުރިއެރުންތަކެއް ގެންނެވުން. ކުރައްވާ ކޮންމެ ކަމެއް ކުރިއަށް ވުރެ ރަނގަޅު ކުރެއްވުން. ދަރިވަރުންނަށް ހެޔޮ ނަމޫނާއަކަށް މުދައްރިސް ވެވަޑައިގަތުން." މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވަނީ ދަރިވަރުންނާއި މުދައްރިސުން ބައްދަލުނުވެ ވީ ދުވަސްތައް ފަހަނައަޅާ ގޮސް މަދަރުސާތައްވެސް ގާތްގަޑަކަށް އާއްމު ޙާލަތަކަށް އިޢާދަކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މޮޅު ކުދިން މޮޅުވާ ސަބަބަކީ އެކުދިންގެ ހިތްމަތާއި މަސައްކަތްކަމަށެވެ. ކޮންމެ ކުއްޖެއްވެސް، ކޮންމެ ފަދަ ދަތި އުނދަގޫ ވެއްޓެއް ނުވަތަ ޙާލަތެއް ބަރުދާސްތުކުރަމުން ދިޔަޔަސް، އުނގެނުމުގައި ފޯރިއާއެކު އުޅެން މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. އަދި މަދުވެގެން ދެ ޢަމަލީ މަސައްކަތް ދަސްކުރަން މިނިސްޓަރ ވަނީ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

" މާޒީވި ދޮޅު އަހަރުން އަޅުގަނޑުމެންނަށް ދަސްވި އެންމެ މުހިންމު ދަރުސަކީ، ދަސްކުރަންށާއި ދަސްކޮށްދިނުމަށް އެންމެ މޮޅު ގޮތަކީ، މުދައްރިސާއި ދަރިވަރުން ކްލާހުން ބައްދަލުވެގެންކަން. ސްކްރީން ބަލާ ވަގުތު މަދުވުމުން، އެހެންމީހުންނާ މުޢާމަލާތް ކުރާނޭ ވަގުތު ގިނަވާނެކަން. އެހެންކަމުން ބަހަށް ދަރިވަރުން ފާގަތިވާނެކަން. އެކުއުޅުމުގެ ހުނަރުތައް ބޮޑަށް ދަސްވާނެކަން." އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ނުވަދިހަ ހާސް ދަރިވަރުން މިއަދު މަދަރުސާތަކަށް ކިޔަވަން ދާނެކަމަށެވެ. ނަމަވެސް މިއަދަދަކީ އާބާދީއަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، މީގެ އެތަކެއް އަހަރު ކުރިއާ އަޅާބަލާއިރު މަދު ޢަދަދެއް ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.