ޚަބަރު

ދަރިވަރުން ތިބީ ސްކޫލަށް ދެވޭތީ އުފަލުން


ކޯވިޑްގެ ހާލަތު ގޯސްވެ ދަރިވަރުންނަށް ސްކޫލްއަށް ނުދެވި ގާތްގަނޑަކަށް ދޮޅު އަހަރުދުވަހަށްފަހު މާދަމާ ދަރިވަރުން ސްކޫލްއަށް ދާން ފަށާނެއެވެ. ދަރިވަރުންނަށް މާދަމާ ވެގެންދާނީ އެތައް ދުވަސްތަކަކަށްފަހު އެކުދިންގެ ރައްޓެހިންނާއި މުދައްރިސުންނާއި ބައްދަލުވެ ކިޔަވަން ލިބޭނެ ފުރަތަމަ ދުވަހަށެވެ. ދަރިވަރުން ތިބީ ސްކޫލަށް ދާން ކެތް މަދުވެފައެވެ. ބެލެނިވެރިން ތިބީ އެ ދަރިވަރުން ސްކޫލްއަށް ފޮނުވާ އެ ކުދިންގެ ތަޢުލީމީ ހަޔާތް ކާމިޔާބުކަމާއެކު ނިންމާލަން ތައްޔާރަށެވެ.

މިވީ ދޮޅު އަހަރުދުވަހުގެ ތެރޭގައި ދަރިވަރުން ކިޔަވަމުން ގެންދިޔައީ އޮންލައިންކޮށް އެއްވެސް ގޮތަކަށް މުދައްރިސުންނާއި ރައްޓެހިންނަށް ބައްދަލުނުވެވިއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ދަރިވަރުން ކިޔަވަމުން ގެންދިޔައީ އިންޓަރނެޓް ކެނޑުމުގެ ސަބަބުން ދިމާވާ އެކިކަހަލަ މައްސަލަތަކުގެ ސަބަބުން ދަތިި އުނދަގޫ ތަކާއެކުގައެވެ. ބައެއް ފަހަރު މުދައްރިސުންގެ އަޑު ނުވަތަ ދަރިވަރުންގެ އަޑު ކެނޑުމާއި ކަރަންޓު ދިއުމުގެ ސަބަބުން އިންޓަރނެޓް ކެނޑި ދަރިވަރުންނަށް ކިޔެވުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ. ފަހަރުގައި އޮންލައިންކޮށް ކިޔަވަން ޖެހުމުގެ ސަބަބުން ސްކޫލްގައި ކިޔެވުމާއި ޚިލާފަށް ދޭން ޖެހޭ ސަމާލުކަން ނުދެވިވެސްދާނެއެވެ. ފޮތްތަކާއި ދުރަށް ދާންޖެހި ޓީވީއަށް ނުވަތަ ސްކްރީންނަށް ބަލަން ޖެހޭވަގުތު އިހުނަށްވުރެ އިތުރުވާން ފެށިއެވެ.

އަނެއްކޮޅުން އެތައް ދުވަހެއް ވަންދެން ގޭގައި ބަންދުވެ ތިބެ ކިޔަވަން ޖެހުމުގެ ސަބަބު ދަރިވަރުންނަށް ވަނީ ނަފްސާނީ ގޮތުންވެސް އަސަރުތަކެއް ކޮށްފައެވެ. މުދައްރިސުންނާއި އެކުވެރި ރައްޓެހިންނާ ބައްދަލުނުވެ ގިނަ ދުވަސްތައް ވުމުގެ ސަބަބުން އެކުދިންގެ އުޅުމަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ކިޔެވުމާ ދުރުވެ ސްކްރީނަށް ދޭ ސަމާލުކަން އިތުރުވެގެންދިޔައެވެ. ކުޅިވަރު ކުޅުމުގެ ފުރުޞަތު ނުލިބި ގިނަ ވަގުތު ހޭދަކުރަން ޖެހުނީ ގޭތެރޭގައި އެކަނިމާ އެކަނި އާއިލާއާ އެކުގައެވެ.

ތަޢުލީމީ ހަޔާތުގެ މި ހިތްދަތި އަަހަރު ނިމި މާދަމާ ސްކޫލްއަށް ދާން ދަރިވަރުން ތިބީ ކެތް މަދުވެފައެވެ. ދަރިވަރުން މިހާރުއްސުރެ ތިބި ފޮތްތައް ތައްޔާރުކޮށް، އާ ބޫޓާއި ޔުނިފޯމްއާއި، މިހެންގޮސް އާ އަހަރަށް ވާންޖެހޭ ހުރިހާ ތައްޔަރީއެއްވެ ނިމިފައެވެ. އާ ރައްޓެހިންނާއި އާ މުދައްރިސުންނާ ބައްދަލުވެ ފިޒިކަލްކޮށް ކިޔެވުމަށް ތައްޔާރަށެވެ. ހަމަ އެހެންމެ ކުޅިވަރުތައް ކުޅުމާއި ރައްޓެހިންނާ އެކުގައި ވަގުތު ހޭދަކޮށްލުމުގެ ވަގުތުކޮޅަކަށެވެ.

ޕީއެސްއެމް ނިއުސްއިން ސްކޫލް ދަރިވަރުންނާ ވާހަކަދައްކާލުމުން މިކަން ވަރަށް ރަނގަޅަށް ހާމަވެގެންދިޔައެވެ. ދަރިވަރުން ބުނީ އެކުދިން ސްކޫލްއަށް ދާން ބޭނުންވަނީ އޮންލައިންކޮށް ކިޔެވުމަށް ވުރެ ސްކޫލަށް ގޮސް ކިޔެވުން ފަސޭހަވުމުގެ ސަބަބުން ކަމަށެވެ. އަދި ކުލާހުގައި އިނދެ ޓީޗަރު ކިޔަވައިދޭ އެއްޗެއް އަޑުއަހައިގެން ފިލާވަޅުތައް ދެނެގަންނަން މާ ފަސޭހަ ކަމަށާއި އޮންލައިންކޮށް ކިޔަވާއިރު ޓީޗަރުގެ ފަރާތުން ހުރިހާ ކުދިންނަށް ސަމާލުކަން ނުލިބޭ ކަމަށެވެ. އެހެންކަމުން ސްކޫލްއަށް ވީ އެންމެ އަވަހަކަށް މެދުނުކެނޑޭގޮތަށް ދާން ބޭނުންވާކަމަށެވެ.

ދަރިވަރުން ތިބީ ސްކޫލްއަށް ދާން ތައްޔާރަށެވެ. ބެލެނިވެރިން ތިބީ ދަރިވަރުން ސްކޫލްއަށް ފޮނުވުމަށް ތައްޔާރަށެވެ. ބެލެނިވެރިން ތިބީ ސްކޫލްއިން ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރާނެކަމުގެ ފުރިހަމަ އިތުބާރާއެކުގައެވެ. ބައެއް ބެލެނިވެރިން ހާމަކުރެއްވި ގޮތުންގައި އޮންލައިންކޮށް ކިޔަވަން ޖެހުމުގެ ސަބަބުން ދަރިވަރުންގެ އުޅުމަށް ބަދަލު އައިސް ސްކްރީންނާ ވަނީ ކައިރިވެފައެވެ. އެހެންކަމުން ސްކޫލަށް ފޮނުވައިގެން ދަރިވަރުންނަށް އުނގަންނައިދިނުމަށް ސްކޫލް ހުޅުވާ ކިޔަވި ދިނުމަކީ މުހިއްމު ކަމެއްކަން ބެލެނިވެރިން ފާހަގަކުރެއެވެ.

ދިރާސީ އާ އަހަރަށް ތަޢުލީމީ ދާއިރާގައި ތިބި އެންމެން ތިބީ ތައްޔާރަށެވެ. މާދަމާ ދަރިވަރުން ސްކޫލަށްދާއިރު ކޯވިޑް އާ ގުޅިގެން ސްކޫލު ދޮރާށިން ވައްދަނީ ކުދިންގެ ހުން ބަލައި ސެނިޓައިޒްކުރުމަށް ފަހުގައެވެ. ކުރިން އެއް ކުއްޖަކު އަނެއް ކުއްޖަކަށް ޖެހިޖެހިގެން ތިބި ނަމަވެސް މިހާރު ކޮންމެ ދަރިވަރެއްގެ ދެމެދުގައި ތިން ވަރަކަށް ފޫޓުގެ ދުރުމިނެއް ބަހައްޓާނެއެވެ. ނަމަވެސް ދަރިވަރުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވަނީ މުދައްރިސުންނާއި ބައްދަލުވެ ސްކޫލް މާހައުލުން ކިޔަވަން ފުރުޞަތު ލިބުމެވެ.