ޚަބަރު

ހުރިހާ ސްކޫލަކަށް މުދައްރިސުން ހަމަވާނެ: އެޑިއުކޭޝަން


މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަންގާރަދުވަހު ފަށާއިރު ހުރިހާ ސްކޫލަކަށް މުދައްރިސުން ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ ސްކޫލްތައް ހުޅުވޭއިރު ދަރިވަރުންނަށް ފިލާވަޅުތައް ނުގެއްލޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާނެކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދު ވިދާޅުވީ މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު އެއްވެސް ސްކޫލެއްގައި ކިޔެވުން ނުހުއްޓި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މިމަހުގެ 10 ވަނަ ދުވަހު ހުރިހާ ސްކޫލެއްގައި ކިޔަވައިދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން މިހާރުވެސް ހަމަވެފައިވާކަމަށާއި މުދައްރިސުން އިތުރުކުރުމުގެ މަސައްކަތް އަދިވެސް ކުރައްވަމުން އަންނަކަމަށް މުޖާހިދު ވިދާޅުވިއެވެ. މުޖާހިދު ވިދާޅުވީ ވެކްސިން ފުރިހަމަކޮށްގެން ބޭރުން އަންނަ މުދައްރިސުންގެ ތެރެއިން ކިޔެވުންފެށޭއިރު ކަރަންޓީނުގައި ތިބި މުދައްރިސުންނަށްވެސް އޮންލައިންކޮށް ކިޔަވައިދޭނެ އިންތިޒާމްތައް ހަމަޖައްސަވާފައިވާކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ މިފަހަރުގެ ޓެކްސްޓްފޮތްތައް ދޭނީ ޑިޖިޓަލް ކޮށްނާއި ހާރޑް ކޮޕީކަމަށެވެ. އަދި ގްރޭޑް 9 އާއި 11 ދަރިވަރުންނަށް މިފަހަރު ޑިޖިޓަލް ފޮތްބައިން ކިޔަވައިދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ގިނަ ދަރިވަރުންނަށް މިހާރު ފޮތްތައް ހަވާލުކޮށްފައިވާނެ ކަމަށާއި ހާޑްކޮޕީ ނުދެވޭ ދަރިވަރުންނަށް ސޮފްޓް ކޮޕީ ދީފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ގާތްގަޑަކަށް ދޮޅު އަހަރުގެ މެދުކެނޑުމަކަށްފަހު އަންނަ އަންގާރަ ދުވަހު ސްކޫލްތަކަށް ހުރިހާ ގްރޭޑެއްގެ ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭން ފަށާނެއެވެ. ނަމަވެސް މޮނީޓަރިންގައި އޮތް ރަށްތަކުގައި ކިޔަވައިދޭނެ ގޮތަކާއި މެދު އެރަށެއްގެ ޓާސްކްފޯހުން ގޮތެއް ނިންމާނެއެވެ. އަދި ހާލަތު މާ ގޯސް ރަށްރަށުގައި ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިން ނަމަވެސް މާލެ ސަރަޙައްދުގައި ފުރަތަމަ ދެހަފްތާގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ދަރިވަރުން އެކި ގަޑިތަކުގައި ސްކޫލަށް ހާޒިރުކޮށްގެންނެވެ.