ޚަބަރު

އިންޑޮނޭޝީޔާގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރުވެއްޖެ


އިންޑޮނޭޝީޔާގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރުވެއްޖެކަމަށް އެ ޤައުމުގެ ރައީސް ޖޮކޯ ވިޑޮޑޯ ވިދާޅުވެއްޖެއެވެ.

އިންޑޮނޭޝީޔާގެ ރައީސް ވިޑޮޑޯ ޢާންމުކުރެއްވި ވީޑިޔޯއެއްގައި އޭނާ ވިދާޅުވީ އެ ޤައުމުގެ އާބާދީ ބޮޑެތި ސަރަހައްދުތަކުން ރަށްފުށު ސަރަޙައްދުތަކަށް ބަލިފެތުރިފައިވާކަމަށެވެ. އަދި އިތުރަށް ބަލިފެތުރުން ހުއްޓުވުމަށް ދެ ހަފުތާގެ މުއްދަތަކަށް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެ ގޮތުން ދަތުރުފަތުރުކުރުން ހުއްޓާލަންޖެހޭކަމަށް ވިޑޮޑޯ ވިދާޅުވި ނަމަވެސް އިތުރު ފިޔަވަޅުތަކެއް އަޅުއްވާނެ ސަރަޙައްދުތަކެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ އެއް ޤައުމަކީ އިންޑޮނޭޝީޔާއެވެ. އެ ގޮތުން ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު އެ ޤައުމުގައި ވަރަށް ބޮޑަށް ފެތުރިފައިއެވެ. އިންޑޮނޭޝިޔާގައި 3.06 މިލިޔަން މީހުންނަށްވަނީ ބަލިޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 106،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.