ޚަބަރު

ބެލެނިވެރިން، ވެކްސިން ފުރިހަމަކޮށްފައި ތިބިކަން ކަށަވަރު ކުރުމަށް "ގްރީން ކާޑެއް"


ސްކޫލްތަކަށް ދަރިވަރުން ބަލާ ދާ ބެލެނިވެރިންނަކީ ވެކްސިން ފުރިހަމަކޮށްފައި ތިބި ބައެއްކަން ކަށަވަރު ކުރުމަށްޓަކައި "ގްރީން ކާޑެއް" ތަޢާރަފްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ ދިރާސީ އާ އަހަރުގެ ކިޔެވުމުގެ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތުތައް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަރ ޖެނަރަލް އައިމިނަތު އައްޒަ ވިދާޅުވީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމަށް ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމް ނިމުމާއެކު އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކާ ގުޅިގެން ބެލެނިވެރިންނަށް ޚާއްސަކޮށްގެން ކާޑެއް ތައްޔާރު ކުރާނެކަމަށެވެ. އަދި މިކާޑަކީ ދަރިވަރުން ބަލާ ސްކޫލަށް ދާއިރު ވެކްސިން ޖަހާފައި ހުރިކަން ކަށަވަރުކުރެވޭނެ ގޮތް ބެލޭގޮތަށް ތައްޔާރު ކުރާ ކާޑެކެވެ.

ދަރިވަރުންގެ ކިޔެވުން ނުހުއްޓި ކުރިއަށް ގެންދިޔުމަށާއި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވެކްސިންއަށް މުދައްރިސުން އަހުލުވެރިކުރުމުގެ ގޮތުން މިހާރުވެސް ވަނީ ޕްރޮގްރާމެއް ފަށާފައެވެ. އައްޒަ ވިދާޅުވީ މިހާރުވެސް މުދައްރިސުންގެ ތެރެއިން 96 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށާއި ދެވަނަ ޑޯޒްވެސް ގިނަބަޔަކު ޖަހާފައިވާކަމަށެވެ.

އަންނަމަހުގެ އެކަކުން ފެށިގެން ސްކޫލްތަކަށް ވަދެ ނިކުމެވޭނީ ކޯވިޑުގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިނިސްޓްރީން ވިދާޅުވީ، މިގޮތަށް ނިންމެވީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށާއި، ކޯވިޑުން ރައްކާތެރިވުމަށް ސްކޫލްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށްކަމަށެވެ.

ސެޕްޓެމްބަރު އެކަކުން ފެށިގެން ސްކޫލްތަކަށް ވަދެ ނިކުތުމުގެ ހުއްދަ، ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދޭ ވެކްސިންގެ ޑޯޒްތައް ފުރިހަމަށްކޮށްފައިވާ ފަރާތްތަކަށް އެކަނި ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމަވާފައިވާއިރު، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލްތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ދާދިފަހުން ވަނީ އަންގަވާފައެވެ. ވެކްސިން ޖަހައިގެން ސްކޫލްތަކަށް ވަންނަން ހުއްދަ ދެވޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގައި ހިންގާ ކޯވިޑް ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިން ޖެހޭ އުމުރުފުރައިގެ ފަރާތްތައް އެކަނި ކަމަށާއި ދަރިވަރުން މި ކެޓެގެރީން އިސްތިސްނާވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ކޯވިޑް ވެކްސިންގެ އެއް ޑޯޒް ޖަހައި، ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިނުވާ މުވައްޒަފުން އެކަން ފުރިހަމަކުރުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކާ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ފުރަތަމަ ޑޯޒް ނުޖަހައި ތިބި މުވައްޒަފުންނަށްވެސް ވެކްސިން ޖެހުމަށް ފަސޭހަ ގޮތެއް ހޯދައިދޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މި ފަސޭހަތައް މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ހޯއްދަވައިދެއްވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.