ޚަބަރު

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަހުމަދު ޢަރީފް


ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަޙުމަދު ޢަރީފް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވައިފިއެވެ. އަހުމަދު ޢަރީފް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރައްވައި، އެކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޢަރީފް އައްޔަންކުރައްވާފައިވާއިރު، ފުލުހުންގެ މުއައްސާސާ ހިންގެވުން މިދިޔަ އޮކްޓޯބަރުމަހުގެ 23 ވަނަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އަރީފްއާ ހަވާލުކުރައްވާފައެވެ. ފުލުހުންގެ މުއައްސާސާ ހިންގެވުން ޢަރީފްއާ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ބަދަލުކުރެއްވުމަށްފަހުއެވެ. އޭގެ ކުރިން ޢަރީފް ހުންނެވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ. ފުލުހުންގެ މުއައްސާސާ ހިންގެވުން މިދިޔަ އޮކްޓޯބަރުމަހުގެ ފަހުކޮޅު އަރީފްއާ ހަވާލުކުރެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް މަޤާމުގަ ހުންނެވި ހުސެން ވަހީދު، ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރެއްވުމާއި ގުޅިގެނެވެ.