ޚަބަރު

އޮލިމްޕިކްސް ފުޓްބޯޅައިގެ ރަން މެޑަލް ބްރެޒިލް ހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ފުޓްބޯލައިގެ ފިރިހެނުންގެ ބައިން ރަން މެޑަލް ބްރެޒިލް ހޯދައިފިއެވެ.

މިބައިން ބްރެޒިލް ރަން މެޑަލް ހާސިލްކުރީ ފައިނަލްގައި ސްޕެއިން އާއި ބައްދަލުކޮށް ފުރިހަމަ ވަގުތު ހަމަވިއިރު އެއްލަނޑު އެއްލަނޑުން ދެޓމް އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑާއެކު 2 ލަނޑު އެއްލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސްޕެއިންއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ބްރެޒިލްއިންނެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ބްރެޒިލްއަށް ލިބުނު ޕެނަލްޓީވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ބްރެޒިލްގެ މެތިއަސް ކޫނިއާ ޖަހާދިން ލަނޑާއެކު ބްރެޒިލްއިން މިމެޗްގައި ލީޑު ނެގިއެވެ. މިމެޗްގައި ސްޕެއިން އިން އެއްވަރު ކުރި ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ޖަހާދިނީ މިކެލް އޮޔާރްޒަބާލްއެވެ. މިލަނޑާއެކު މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެންދިޔައީ އިތުރު ލަނޑެއް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. އެހެންކަމުން މެޗްގެ ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެހާފް ކުޅޭށެވެ. މިމެޗުން ބްރެޒިލް މޮޅުވި ލަނޑު މެޗްގެ 108 ވަނަ މިނެތްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ މެލްކޮމްއެވެ.

މިކާމިޔާބީއާއެކު ބްރެޒިލް މިވަނީ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ފުޓްބޯޅައިގެ ފިރިހެން ރަން މެޑަލް ޖެހޖެހިގެން ދެވަނަ ފަހަރަށް ހާސިލް ކޮށްފައެވެ.