ވިޔަފާރި

ވެކްސިން ނުޖަހާ ފަރާތްތަކަށް ވިޔަފާރީގެ ބައެއް ޚިދުމަތްތައް ހޯދުމަށް ޝަރުތުތަކެއް ކަނޑައަޅަނީ


ކޯވިޑުން ދިފާއުވުމަށް ވެކްސިން ނުޖަހާ ފަރާތްތަކަށް ވިޔަފާރީގެ ބައެއް ޚިދުމަތްތައް ހޯދުމަށް ޝަރުތުތަކެއް ކަނޑައެޅުމަށް އެޗްޕީއޭއިން ނިންމައިފިއެވެ. މީގެތެރޭގައި ކެފޭ ރެސްޓޯރަންޓްތަކާއި ސެލޫންތަކުން ޚިދުމަތް ހޯދުމަށް ޝަރުތުތައް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެޗް.ޕީ.އޭއިން ނެރުއްވި ލިޔުމެއްގައިވަނީ އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ވެކްސިނަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ޖެހުމަށް އަންގަވާފައެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމަށްޓަކާ އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުތު ހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ ފަރާތްތަކާމެދު ބައެއް ޚިދުމަތްތައް ހޯދުމުގައި ޝަރުތުތަކެއް ކަނޑައެޅުމަށް ކަމާބެހޭ ފަރާތްތަކަށް އެ އެޖެންސީން ވަނީ އަންގަވާފައެވެ. މީގެތެރޭގައި ވިޔަފާރީގެ ގިނަ ޚިދުމަތްތަކަކުން ޝަރުތު ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

ވެކްސިން ނުޖަހާ މީހުންނަށް ޝަރުތުތައް ކަނޑައެޅުމަށް ނިންމާފައިވާ ޚިދުދަތްތަކުގެ ތެރޭގައި ހިމެނެނީ ހޮޓާ ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނެވެ. އަދި ޖިމްތަކާއި، ސެލޫންތަކާއި، ސިނަމާތަކާއި، ޕަބްލިކް ޓްރާންސްޕޯޓާއި، ޑޮމެސްޓިކް ފްލައިޓްތަކުން ދަތުރުކުރުން ހިމެނެއެވެ. މީގެއިތުރުން ރައްޔިތުންނާ ގާތުން ދޭންޖެހޭ އާންމު ޚިދުމަތްތައް ދޭ ފަރާތްތައް ކަމަށް ޓެކްސީ ޑްރައިވަރުން، ވެއިޓަރުން، ޖިމްތަކާ ސެލޫންތަކުގައި މަސައްކަތްކުރާ ފަރާތްތައްވެސް ހިމެނެއެވެ.

އެޗްޕީއޭގެ އެންގުމުގައި ބުނެފައިވަނީ މި ޚިދުމަތްތައް ހޯދުމުގައި ޝަރުތުތަކާއި ފިޔަވަޅުތައް ކަނޑައަޅާނީ ކަމާގުޅޭ މުއައްސަސާތަކުންކަމަށެވެ. ޝަރުތުތަކާއި ފިޔަވަޅުތައް ކަނޑައަޅައި 1 ސެޕްޓެމްބަރު 2021 އިން ފެށިގެން އަމަލުކުރުމަށް އެފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ކޯވިޑް ވެކްސިން ޖެހުމަށް ރާއްޖޭގައި ޝަރުތު ހަމަވާ އާބާދީގެ ގާތްގަނޑަކަށް %21 މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިނުވާކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން %40 މީހުން އަދިވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ.