ޚަބަރު

ކޯވިޑުގެ ނުރައްކާ ނެތްކަމަށް ބަލަން އަދި މާ އަވަސް: މިނިސްޓަރ މައުސޫމް


ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިން ނަމަވެސް، ކޯވިޑްގެ ނުރައްކާ ނެތްކަމަށް ބަލަން އަދި މާއަވަސް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކޯވިޑާއާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ލުއިތަކެއް ދިނުމަށްފަހު ސަރުކާރުންވަނީ ކޯވިޑް ވެކްސިންގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. ރާއްޖޭގައި ކޯވިޑްގެ ހާލަތު ނިއު ނޯމަލް ހާލަތަކަށް ގެނެވިފައިވާކަމަށާއި މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީއަށް ވެކްސިންޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ކޯވިޑްގެ ފިޔަވަޅުތައް ލުއިގޮތަށް ނުދެކުމަށް އިލްތިމާސް ކުރައްވައި މިނިސްޓަރ މައުސޫމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ލުއިތަކެއް ދީފައި އޮތް ނަމަވެސް ކަނޑައަޅާފައިވާ އިންތަކާއި މިންތަކުގައި ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި ފަތުރުވެރިކަމުގެ ވިޔަފާރީގައި އުޅުއްވާ ފަރާތްތަކުންވެސް އިންތަކާއި މިންތަކުގެ ތެރޭގައި ހިފަހައްޓައި، ކޯވިޑްގެ ނުރައްކާ ލުއިގޮތަކަށް ނުދެކުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރުދުވަހުގެ އިރުއޮއްސި 6:00 އިން ހޮނިހިރުދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ 113 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 25 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 73 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 13 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 78243 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ޤައުމާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައިވަނީ މިމަހުގެ ނިޔަލަށް ރާއްޖޭގެ އެންމެންނަށް ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހާ ނިންމުމަކީ އަމާޒެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ވެކްސިން ޖަހާ އުމުރުގެ %90 މީހުންނަށް އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހުން ކަމަށެވެ. މި މަސައްކަތުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ވެކްސިންގެ ބޮޑު ޕްރޮގްރާމެއް ފަށާފައެވެ. ވެކްސިން ޖަހަން ބާރު އެޅުމަށްޓަކައި އެޗްޕީއޭއިންވަނީ ވެކްސިން ނުޖަހާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ބާރު ކަމާއިބެހޭ މުއައްސަސާތަކަށް ދީފައެވެ.