ޚަބަރު

103 މިލިއަން ޑޮލަރަށް ލުކާކޫ ޗެލްސީއަށް ވިއްކާލަނީ


ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ އިންޓަ މިލާން ދޫކޮށް އިންގްލެންޑްގެ ޗެލްސީއަށް ބަަދަލުވުމާއި ވަރަށް ގާތަށް ޖެހިލައިފިއެވެ.
ލުކާކޫ ވިއްކާލުމާއި ބެހޭގޮތުން ޗެލްސީ އާއި އިންޓަރ މިލާންއިން ވަރަށް ގިނަ ދުވަސްތަކެއް ވަންދެންވަނީ ވާހަކަތައް ކުރިއަށް ގެންގޮސްފައެވެ. މިވާހަކަތައް ދިގުލައިގެން ދިޔައީ ކުޅުންތެރިޔާ ވިއްކާލާނެ އަގަކަށް ދެ ފަރާތައް އެއްބަސް ނުވެވިގެންނެވެ. ނަމަވެސް މިހާރު އިންޓަރ މިލާން އާއި ޗެލްސީންވަނީ 136 މިލިއަން ޑޮލަރަށް ލުކާކޫ ވިއްކާލުމަށް އެއްބަސްވެފައެވެ.

ލަންޑަނަށް ފުރުމުގެ ކުރިން ލުކާކޫގެ މެޑިކަލް ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބެލްޖިއަމްގައެވެ.
އުމުރުން 28 އަހަރުގެ ލުކާކޫ އިންޓަރ މިލާނަށް ބަދަލުވެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އެއީ 103 މިލިއަން ޑޮލަރަށެވެ. އިންޓަރ މިލާނާއެކު ހަދާފައިވާ 5 އަހަރު ދުވަހުގެ އެއްބަސްވުން ހަމަވާނީ 2024ވަނަ އަހަރުއެވެ. އޭނާގެ ކުރީގެ ކުލަބް ޗެލްސީން ލުކާކޫ ހޯދަން މަސައްކަތް ކުރަން ފެށުމާއެކު ލުކާކޫވެސްވަނީ ޗެލްސީއަށް ބަދަލުވާން ބޭނުންވާކަން ހާމަކޮށްފައެވެ. އިންޓަރ މިލާންގެ މާލީ ހާލަތު ހުރި ގޮތުން ލުކާކޫ ވިއްކާލާނެ ކަމަށް ބައެއް މީޑިޔާ ތަކުންވެސްވަނީ ރިޕޯޓްކޮށްފައެވެ.

ޗެލްސީން އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވަނީ ބޮރޫޝިޔާ ޑޯޓްމުންޑްގެ ޒުވާން ފޯވާޑް އާލިން ހާލަންޑް ހޯދުމަށެވެ. ގިނަ މަސައްކަތްތަކަކަށް ފަހު އެކަން ނާކާމިޔާބުވުމުން، ޗެލްސީން މަސައްކަތް ކުރީ ލުކާކޫ ހޯދުމަށެވެ. ބޮރޫޝިޔާ ޑޯޓްމުންޑްގެ އާލިން ހާލަންޑް ވިއްކާލަން އެޓީމުން ބޭނުން ނުވިނަމަވެސް، އެޓީމުންވަނީ ޖޭޑަން ސަންޗޯ މެންޗެންސްޓަރ ޔުނައިޓެޑަށް ވިއްކާލާފައެވެ. ޗެލްސީންވަނީ އޮލިވިއަރ ޖިރޫޑް އޭސީ މިލާނަށް ވިއްކާލާފައެވެ. އަދި ޓަމީ އަބްރަހަމް އެޓްލަންޓާއާއި ގުޅޭނެކަމަށްވަނީ ބެލެވިފައެވެ.

ލުކާކޫ އޭނާގެ ކެރިއަރުގެ ކުރީކޮޅުގައިވަނީ ޗެލްސީއަށް ކުޅެފައެވެ. 2011ވަނަ އަހަރު ލުކާކޫ ޗެލްސީއަށް ކުޅެދީފައިވަނީ 15 މެޗެވެ. ފަހުން ޗެލްސީންވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ލުކާކޫ ވެސްޓް ބްރޮމްވިޗް އަލްބިއަން އާއި އެވަޓަންއަށް ބަދަލުކޮށްފައެވެ. މިދިޔަ ސީޒަނުގައި އިންޓަރ މިލާންއިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ލުކާކޫގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އޭނާވަނީ އިންޓަރ މިލާންއަށް ކުޅެދިން 95 މެޗުގައި 64 ލަނޑު ޖަހާފައެވެ.