ޚަބަރު

ތިލަފުށީގެ މާސްޓަރ ޕްލޭންގެ ދަށުން މިއަހަރު 30 ހެކްޓަރުގެ ބިން ހިއްކަނީ


ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 127 ހެކްޓަރުގެ ބިމުގެ ތެރެއިން 30 ހެކްޓަރުގެ ބިން މިއަހަރު ނިމުމުގެ ކުރިން ހިއްކާ ނިންމުމަށްޓަކާ މަސައްކަތްކުރަމުންދާކަމަށް އެޗްޑީސީއިން ވިދާޅުވެއްޖެއެވެ.

ތިލަފުށީގެ ބިން ހިއްކުމަށް މިއަހަރު ހަމަޖެހިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވަނީ، ތިލަފުށްޓަށް ވަޑައިގެން ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ތަރައްޤީގެ މާސްޓަރ ޕްލޭން ބައްލަވާލައްވާފައެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގެ ވިޔަފާރީގެ މުހިއްމު ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މާސްޓަރ ޕްލޭނަކާއެކުގައެވެ. އެގޮތުން މި މާސްޓަރ ޕްލޭންގެ ދަށުން ގާތްގަނޑަށް 127 ހެކްޓަރުގެ ބިން ވަނީ ހިއްކުމަށް ނިންމާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ ހިއްކުމަށް ނިންމާފައިވާ ސަރަޙައްދުން 30 ހެކްޓަރު މިއަހަރު ނިމުމުގެ ކުރިން ހިއްކާ އަންނަ އަހަރު އެތަނުން ބިން ކުއްޔަށް ދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ހަމައެކަނި ކުނި މެނޭޖްކުރާ ތަނެއްގެ ގޮތުގައި ތިލަފުށި ބޭއްވުމުގެ ބަދަލުގައި ތިލަފުށީގެ ވިޔަފާރި ފުޅާކޮށް އެތަނުގައި އިންޑަސްޓްރިއަލް މަސައްކަތްކުރާ ތަނެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ސުހެއިލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ މިއީ ވިޔަފާރީގެ މުހިއްމު ހަބަކަށް ހަދާ އަދިވެސް ބޮޑަށް ތަރައްޤީކުރަން. ތަރައްޤީވެގެން އަންނައިރު މިތަނުގައި އޮފީސް އިމާރާތަކާއި އަދި ބިދޭސީން ތިބޭނެ ތަންތަނާއި މިތަނުގައި ދިރިއުޅޭ މީހުންނާއި ބޭރުން އަންނަ މީހުންނަށް ބޭނުންކުރެވޭގޮތަށް ރެކްރިއޭޝަނަލް ޙަރަކާތްތައްވެސް ހިމެނޭނެ. ކުރިމަގުގައި ތިލަފުށި ވެގެންދާނީ މިހާރު މިފެންނަގޮތަށްވުރެ ބޮޑަށް މާލެއިން ބޭރަށް ދާންވެސް ޢާއްމުން ޗޫޒް ކުރާ ތަނަކަށް."

ތިލަފުށީގެ ދެވަނަ ފިޔަވަހި ހިއްކުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީއާއި ޙަވާލުކޮށްގެންނެވެ. ފުރަތަމަ ފިޔަވައްސާ ޚިލާފަށް ޕްލޭނަކާއެކު ތަރައްޤީކޮށް ނިމޭއިރު އެސަރަޙައްދުގައި ކަރަންޓު ފޯރުކޮށްދޭނެ މަރުކަޒަކާއި އެމްޕީއެލްގެ ޕޯޓަށް އިތުރުކުރެވޭ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ޖާގައާއި އޮފީސް ޢިމާރާތްތައް ހިމެނޭ ބްލޮކަކާއި އެތަނުގައި މަސައްކަތްކުރާ މީހުން ދިރިއުޅޭނެ ތަނެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ފުނަދޫގައި ޤާއިމުކޮށްފައިވާ އޮއިލް ސްޓޯރޭޖްވެސް ތިލަފުއްޓަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރަނީ ހެވީ ވެހިކަލްތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ މަގުތަކާއެކުގައެވެ.

ތިލަފުއްޓަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ތަރައްޤީގެ މާސްޓަރ ޕްލޭން ބައްލަވާލައްވައި، އެރަށުގައި ހިނގަމުން އަންނަ ތަރައްޤީގެ އެކި މަޝްރޫޢުތައްވެސް ބައްލަވާލައްވާފައެވެ.

މިރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ތިލަފުށީގައި ތިބި މަސައްކަތްތެރިން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި އެފަރާތްތަކުން މިހާރުން މިހާރަށް ބޭނުންވާ ކަންކަން ބެލުމަށްފަހު ވީހާވެސް ފަސޭހަ މާޙައުލެއް ޤާއިމުކޮށް ދެއްވަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ގްރޭޓަރ މާލޭ ކަނެކްޓިވިޓީއާއެކު މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްވެސް ތިލަފުށީގައި ލިބެން ހުންނަ ޚިދުމަތްތައް މުހިއްމު ދައުރެއް އަދާކުރާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ތިލަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށުގައި އެޗްޑީސީން ޤާއިމުކޮށްފައިވާ ކެމިކަލް ގުދަނާއި އެމްޓީސީސީ ސައިޓާއި ޔުނިވަރސަލްގެ ޑޮކް ޔާޑުވެސް ބައްލަވާލައްވާފައެވެ.