ވިޔަފާރި

އެމެރިކާގެ އެމެޒޯން ކޯޕަރޭޓް އޮފީސްތައް ހުޅުވާނީ އަންނަ އަހަރު


އެމެޒޯންގެ އެމެރިކާގެ އޮފީސްތައް ހުޅުވުން އަންނަ އަހަރާއި ހަމައަށް ފަސް ކުރުމަށް އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގައި ކޯވިޑް ކޭސްތައް އިތުރުވަމުންދާ މިދަނޑިވަޅުގައި މީގެ ކުރީން އެކުންފުނިން މުވައްޒަފުންނަށް އަންގާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ގޭގައި ތިބެގެން މަސައްކަތް ކުރުމަށެވެ. ނަމަވެސް މިހާރު އަންނަ އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހަށް މިއެންގުމުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

މިއެންގުމަށް ޢަމަލު ކުރަން ޖެހެނީ އެކުންފުނީގެ ކޯޕަރޭޓް އޮފީސް މުވައްޒަފުންނާއި، ޓެކްނޮލޮޖީ ޑިޕާޓްމެންޓުގެ މުވައްޒަފުން އެކަނި ކަމަށް އެކުންފުނިން ބުނެއެވެ. ނަމަވެސް ކުންފުނީގެ މަސައްކަތް ކުރާ ފަރާތްތަކުގެ ބޮޑުބައެއް ހިއްސާ ކުރަނީ ގުދަންތަކާއި ޑެލިވަރީ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މައްޗަށެވެ.

އެމެޒޯންއިން ބުނީ މިނިންމުމުގެ ސަބަބުން އެމެރިކާގައި ކުންފުނީގެ މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން އެހެން ޤައުމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަސަރުކުރާނެ ކަމަށެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގައި ކޯވިޑްގެ ޑެލްޓާރ ވޭރިއަންޓް ހަލުވި ކަމާއެކު ފެތުރެމުންދާއިރު، ބައެއް ކުންފުނިތަކުން މުވައްޒަފުން ވެކްސިން ޖެހުމަށް ފަހު މަސައްކަތަށް ނެރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފޭސްބުކް އަދި ޓުވިޓަރ ފަދަ ކުންފުނިތަކުން މުވައްޒަފުން ވެކްސިން ޖަހައިގެން ނެރުމަށް ނިންމާ އޮފީސް ހުޅުވުން ވަނީ ފަސްކޮށްފައެވެ.

އެމެޒޯންގެ އިތުރުން އެމެރިކާގެ ބޮޑު ދެ ފައިނޭންޝިއަލް އިންސްޓިޓިއުޝަން ކަމަށްވާ ވެލްސް ފާގޯ އަދި ބްލެކްރޮކްވެސް ވަނީ އެތަންތަނުގެ އޮފީސްތައް ހުޅުވުން ލަސްކޮށްފައެވެ. އެގޮތުން އެމެރިކާގެ އެންމެ މުވައްޒަފުން ގިނަ ބޭންކު ކަމަށްވާ ވެލްސް ފާގޯ އިން ވަނީ ބޭންކުގެ އޮފީސް ހުޅުވުން އަންނަ އޮކްޓޫބަރު 4 ވަނަ ދުވަހާއި ހަމައަށް ލަސްކޮށްފައެވެ.

މިއާއެކު 260000 މުވައްޒަފުން މަސައްކަތްކުރާ މި ބޭންކުން ބުނީ ވެކްސިން ފުރިހަމަކުރުމަށް ފުރުޞަތު ދިނުމުގެގޮތުން މުސާރަލިބޭގޮތަށް މަސައްކަތްކުރަންނުޖެހޭ ގަޑިއިރުގެ ގޮތުގައި 8 ގަޑިއިރު ދޭންވެސް ނިންމާފައިވާކަމަށެވެ. މީގެއިތުރުން އިންވެސްޓްމަންޓް ކުންފުނި ބްލެކްރޮކް އިންވެސްވަނީ ކުންފުނީގެ އޮފީސް ހުޅުވުން އަންނަ އޮކްޓޫބަރު މަހު 1 ވަނަ ދުވަހާއި ހަމައަށް ލަސްކޮށްފައެވެ.