ސިޔާސީ

ފަސް ރަށެއްގައި ބައި-އިލެކްޝަން ފެށިގެން ކުރިއަށް


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަން 4 ރަށެއްގައި މިއަދު ކުރިއަށް ގެންދާއިރު، ތިންވަނަ ބުރުގެ ވޯޓުލުންވެސް އެއް ރަށުގައި ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން ބައި އިލެކްޝަން ކުރިއަށްދާ ހަތަރު ރަށަކީ، ނ.ކެނދިކުޅުދޫއާއި، ހދ.ނޮޅިވަރަމާއި، ކ.ދިއްފުށި އަދި އއ.ފެރިދޫއެވެ. އިންތިޚާބުގެ ތިންވަނަ ބުރެއް ބާއްވަނީ ހަމައެކަނި ނ.މަގޫދޫގައެވެ. އެރަށުގައި ތިންވަނަ ބުރެއް ބާއްވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިިޚާބުގެ ބައި އިލެކްޝަންގައި ވާދަކުރި ދެ ކެނޑިޑޭޓެއްގެ ވޯޓު އެއްވަރުވުމާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ހުރިހާ ރަށެއްގައިވެސް ހެނދުނު 8 ޖެހުމާއެކު ވޯޓުލުން ފެށިގެން ކުރިއަށްދާކަމަށެވެ. އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން މެންދުރުފަހު 3 ޖެހުމާއި ހަމައަށެވެ. ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓީންގައި ތިބޭ މީހުން މި އިންތިޚާބުގައި ވޯޓުލުމަށް ޚާއްޞަކޮށްފައިވަނީ މެންދުރުފަހު 2 އިން 3އަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ފަސް ރަށުގައި ކުރިއަށްދާ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުން މިރޭ އޮންނާނެކަމަށެވެ. މި އިންތިޚާބުގެ ފަސް ރަށުގެ ވަގުތީ ނަތީޖާވެސް އިއުލާންކުރާނީ އއ.ފެރިދޫގައެވެ. އެގޮތުން އިންތިޚާބުގެ ކޯޑިނޭޝަން ސެންޓަރެއް ވަނީ ފެރިދޫގައި ޤާއިމްކޮށްފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ބައި އިލެކްޝަން މިބާއްވަނީ، އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި، ބައެއް ރަށްރަށުގައި އިންތިޚާބުކުރަންޖެހޭ ޢަދަދަށް ކެނޑިޑޭޓުން ކުރިމަތިލާފައި ނުވާތީއެވެ.