ޚަބަރު

ދަައުވާ ނުކުރަން ނިންމުމުން ފާތިހު ދޫކޮށްލައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ދިނުމުގައި ބައިވެރިވުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަހްމަދު ފާތިހު ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ ފާތިހު ބަންދުން ދޫކޮށްލާފައިވަނީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން އޭނާގެ މައްޗަށް ދަޢުވާ ނުކުރަން ނިންމުމުންކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައިވާ އަހުމަދު ފާތިހުއަކީ ކުރިން ފުލުހުންގެ ތެރޭގައިވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ. ލ.ގަން / ދުންފިނި އުފާ، އަހުމަދު ފާތިހު ހައްޔަރުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައެވެ.

މި މައްސަލައިގައި ފާޠިހުގެ މައްޗަށް ދަޢުވާ ނުކުރަން ނިންމި ނިންމުމާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނީ މިވަގުތަށް ލިބިފައިވާ ހެކިތަކަށް ބެލުމަށްފަހު، ދައުވާނުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިމައްސަލައަކީ މިހާރުވެސް ތަހުގީގް ކުރިއަށްދާ މައްސަލައަކަށް ވެފައި، މިމައްސަލައިގައި ފާތިހުގެ ފަރާތުން ސާފުކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން އެކަންކަން ތަހުގީގުގައި ސާފުވެގެންދާނެކަމަށެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާގައި ޝާމިލުވި މީހުންގެ ތެރެއިން
ދައުވާ ކުރަން ފޮނުވުނު 4 މީހުންގެ މައްޗަށް ވަނީ ބޮޑެތި ހުކުމްތައް އަންނަ 13 ދައުވާއެއް އުފުލާފައެވެ. ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)ގެ މައްޗަށެވެ.