ޚަބަރު

ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މާދަމާ އަލުން ފަށާނެ


ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މާދަމާ އަލުން ފެށުމަށް ނިންމައިފިއެވެ.

ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލީ އެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދިޔަ، އެޗްޑީސީގެ މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މިިދިޔަ ބުދަދުވަހުއެވެ.

އެޗްޑީސީން ވިދާޅުވީ މާދަމާއިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހާ ހަމަޔަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ. ކުރިން ކަނޑައަޅާފައި އޮތީ މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން މިމަސައްކަތް އެއްކޮށް ނިންމުމަށެވެ. ނަމަވެސް ބަންދުތަކާއި، ކޯވިޑްގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މިމަސައްކަތް އިތުރަށް ލަސްވެފައެވެ.

އީދު ބަންދާއި، ޖުލައި 26 ބަންދަށްފަހު ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6720 ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.

ފްލެޓުގެ އެއްބަސްވުން އެކުލަވާލުމަށް ވަކި ދުވަސްތަކެއް ކަނޑައާޅާފައި ވީނަމަވެސް އެއްބަސްވުން އެކުލަވާލެވޭނީ އެކަމަށްޓަކައި އެޗްޑީސީން ދޫކުރާ ފޯމުތައް ފުރިހަމަކޮށް ލިޔެކިޔުންތައް ހަމަކުރުމުންނެވެ. މިކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާއެކު އެޓަވަރެއްގެ އެއްބަސްވުން އެކުލަވާލަން ކަނޑައެޅިފައިވާ ދުވަހުގައި ކުރިއަށް ނުދެވޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެހެންކަމުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ދިއުމުގެ ކުރިން މަޢުލޫމާތު ސާފުކުރުމަށް އެޗްޑީސީން އިލްތިމާސްކުރައްވައެވެ.