ޚަބަރު

ބެލްޖިއަމްއިން އޮލިމްޕިކްސްގެ ހޮކީން ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިިފި


އޮލިމްޕިކްސްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބެލްޖިއަމުން ހޮކީގެ ރަން މެޑަލް ހޯދައިފިއެވެ.

ބެލްޖިއަމުން ހޮކީގެ ރަން މެޑަލް ހޯދީ ދުނިޔޭގެ ޗެމްޕިއަން އޮސްޓްރޭލިއާއާއި ވާދަކޮށް މެޗުގެ ވަގުތު ހަމަވިއިރު 1-1އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-2އިން ކުރި ހޯދައިގެންނެވެ.

ފައިނަލްގައި އޮސްޓްރޭލިއާއި ބެލްޖިއަމް ވާދަކުރިއިރު، މި ދެ ޓީމަކީވެސް މިހާތަނަށް މި ގޭމްސްގައި ބަލިނުވާ ހަމައެކަނި ދެ ޓީމްއެވެ.

ފޯރިގަދަ އަދި ވާދަވެރި ފައިނަލް މެޗުގައި ދެ ޓީމުގެ ތަރިންނަށްވެސްވީ ދެ ކީޕަރުންނެވެ. މިގޮތުން އޮސްޓްރޭލީއާގެ ކީޕަރު އެންޑްރޫ ކާޓާ މެޗުގައި މުހިންމު ސޭވްތަކެއް ކުރިއިރު، ބެލްޖިއަމްގެ ކީޕަރު ވިންސެންޓް ވަނާޝްވެސް ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މިފަހަރުގެ މުބާރާތުގައި އޮސްޓްރޭލިއާއަށް ރިހި މެޑަލް ލިބުނުއިރު، 2004 ވަނަ އަހަރު އޮލިމްޕިކްސްގައި އެޓީމުުން ވަނީ ރަން މެޑަލް ހޯދާފައެވެ.