ޚަބަރު

41 އަހަރަށްފަހު އިންޑިޔާއިން އޮލިމްޕިކްސްގައި ހޮކީން ލޯ މެޑަލް ހޯދައިފި


41 އަހަރަށްފަހު އޮލިމްޕިކްސްގެ ހޮކީ އިވެންޓުން އިންޑިޔާއިން މެޑަލްއެއް ހޯދައިފި.

އިންޑިޔާއިން ލޯ މެޑަލް ހޯދީ ޖަރުމަނާއި ވާދަކުރި ތިންވަނަ ހޮވާ މެޗު ފަހެއް ހަތަރަކުން ކާމިޔާބުކޮށްގެންނެވެ.

މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ޖަރުމަނުންނެވެ. އެހެންނަމަވެސް އިންޑިޔާއިން ވަނީ ކުޅުން ރަނގަޅުކޮށް ދެވަނަ ކުއާޓަރގައި މެޗުގެ ތެރެއަށް އެނބުރި ވަދެފައެވެ. އަދި ފަހަތުން އަރާ މެޗު ކާމިޔާބުކުރީ ފަހެއް ހަތަރަކުންނެވެ. މިއީ އިންޑިޔާއިން 1980ވަނަ އަހަރު އޮލިމްޕިކްސްގައި ރަން މެޑަލް ހޯދި ފަހުން އިންޑިޔާއިން ހޮކީގައި މެޑަލެއް ހޯދި ފުރަތަމަ ފަހަރުއެވެ. އަދި މިއީ ޖަރުމަން ހޮކީ ޓީމަށް 2000 ވަނަ އަހަރުގެ ފަހުން އޮލިމްޕިކްސްގައި މެޑަލް ނުލިބުނު ފުރަތަމަ ފަހަރުއެވެ.

އިންޑިޔާގެ ފިރިހެން ހޮކީ ޓީމަކީ އޮލިމްޕިކްސްގައި އެންމެ ކާމިޔާބު ޓީމެވެ. އެޓީމުންވަނީ އޮލިމްޕިކްސް ރަން މެޑަލް މީގެ ކުރިން 8 ފަހަރު ހޯދާފައެވެ. އެންމެ ފަހުން އެޓީމުން ރަން މެޑަލް ހޯދީ 1980ގައެވެ.