ވިޔަފާރި

ދައުލަތުން މުދަލެއް ރަހުނުކޮށްގެން މިހާތަނަށް ދަރަންޏެއް ނުނަގާ: ފިނޭންސް


މިހާތަނަށް ދައުލަތުން މުދަލެއް ރަހުނުކޮށްގެން ދަރަންޏެއް ނަގާފައި ނުވާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ މިނިސްޓަރ މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

މިމަހުގެ 5 އިން 10 އަކަށް ރަސްމީދަތުރުފުޅެއްގައި ފިނޭންސް މިނިސްޓަރ ވަނީ ދުބާއީއަށް ފުރާވަޑައިގަންނަވާފައެވެ. މިއީ ޑިވެލޮޕްމަންޓް ޕާޓްނަރުންނާއި، ބޭންކުތަކާއި، އިންވެސްޓަރުންނަށް ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި ދަތުރުގެ މައިގަނޑު ބޭނުމަކީ މެދު އިރުމަތީގެ އިންވެސްޓަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމާއި އިޤްތިޟާދީގޮތުން ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތަކުގެ ވާހަކަ ކިޔައިދިނުންކަމަށެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މިހާތަނަށް ދައުލަތުން މުދަލެއް ރަހުނުކޮށްގެން ދަރަންޏެއް ނަގާފައިނުވާކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް ދައުލަތުގެ މުދަލެއް ރަހުނުކޮށްގެން ދަރަންޏެއް ނެގުމަށް މިނިސްޓަރ އަމީރު ވިސްނުންފުޅު ނުގެންގުޅޭކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ނިންމައިގެން ރާއްޖެއިން ސުކޫލް ވިއްކުމަށް މަސައްކަތް ކުރަމުންދާތީ އާންމުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ސަރުކާރުން ވިދާޅުވެފައިވަނީ ސުކޫކްއަށް ފައިސާ ނުދެއްކޭ ހާލަތެއްގައިވެސް އެއްވެސް އެހެން ފަރާތަކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުރެވެރިކަން ބަދަލުނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ފައިސާ ނުދެއްކޭ ހާލަތުގައި ޒިންމާވާނީ ސަރުކާރުން ކަމަށާއި އެއްވެސް ހާލަތެއްގައި ހޮސްޕިޓަލް ވިކި ނުވަތަ މިލްކުވެރިކަން އެހެން ފަރާތަކަށް ނުދާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އެސެޓްކޮށް ސްކޫކް ވިއްކުމަށް ނިންމާފައިވަނީ 2017 ވަނަ އަހަރު އިޝޫ ކޮށްފައިވާ ޔޫރޯ ބޮނޑު އަންނަ އަހަރަށް މެޗުއަރވެ، ސަރުކާރުން އަނބުރާ ދައްކަން ޖެހޭ ފައިސާ އާދަޔާ ޙިލާފަށް އިތުރުވެގެންދާނެތީކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.