ކުޅިވަރު

ސްޕެއިންގެ ވެލެންސިޔާގެ ކޯޗަކަށް ގެރީ ނެވިލް


ސްޕެއިންގެ ވެލެންސިޔާގެ ކޯޗްކަމުގެ މަގާމަށް އިންގްލެންޑާއި މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރ ގެރީ ނެވިލް ހަމަޖައްސައިފިއެވެ. ވެލެންސިޔާގެ ކޯޗްކަމަށް ގެރީ ނެވިލް ހަމަޖައްސާފައި މިވަނީ އެ ކްލަބްގެ ކޯޗަކަށް ކުރިން ހުރި ނޫނޯ މިދިޔަ އާދިއްތަ ދުވަހު މަގާމުން ވަކިވުމާއި ގުޅިގެންނެވެ. ނޫނޯ ވެލެންސިޔާގެ ކޯޗްކަމުގެ މަގާމުން ވަކިވީ ލީގުގައި އެންމެ ފަހުން އެޓީމް ސެވިއްޔާ އަތުން އެކެއް ސުމަކުން ބަލިވި މެޗަށްފަހުގައެވެ. ގެރީ ނެވިލްގެ އިރުޝާދުގެ ދަށުން ވެލެންސިޔާ ކުޅޭނެ އެންމެ ފުރަތަމަ މެޗަކަށް ވެގެންދާނީ ޗެމްޕިއަންސް ލީގުގައި އަންނަ ހަފްތާގައި ލިޔޯންއާއި ދެކޮޅަށް އެޓީމް ކުޅޭ މެޗެވެ. ވެލެންސިޔާގެ ކޯޗްކަމާއި ގެރީ ނެވިލް ހަވާލް މިވީ މި ސީޒަންގެ ނިޔަލަށެވެ. މަގާމާއި ހަވާލްވުމަށްފަހު ގެރީ ނެވިލް ބުނީ ވެލެންސިޔާ ކަހަލަ ވަރުގަދަ ޓީމަކަށް އިރުޝާދުދޭން މި ލިބުނު ފުރުސަތަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި، ސަޕޯޓަރުން ހިތްހަމަ ޖެހޭނެ ފަދަ ނަތީޖާތަކެއް ވެލެންސިޔާއަށް ހޯދައިދޭނެކަމަށެވެ. "ވެލެންސިޔާ ފަދަ ވަރުގަދަ ކްލަބަކާއި ހަވާލުވުމަކީ ވަރަށް ބޮޑު ޒިންމާއެއް. ކޯޗިން ކެރިއަރުގައި ލިބުނު ބޮޑު ކުރިއެރުމެއް. މި ފުރުސަތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފަން އަހަރެން މިހިރީ ތައްޔާރަށް" ނެވިލް ބުންޏެވެ.މެންޗެސްޓަރ ޔުނައިޓެޑް އަދި އިންގްލޭންޑްގެ ގައުމީ ޓީމަށް ކުރިން ކުޅުނު، ގެރީ ނެވިލް ވަނީ ޔުނައިޓެޑާއިއެކު ވިހި ޓްރޮފީ އުފުލާލާފައެވެ. އޭގެ ތެރޭގައި 8 ޕްރިމިއަރ ލީގް ޓްރޮފީ ހިމެނެއެވެ.