 
										
			މާލެ ސިޓީ ކައުންސިލުން މާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ތަޢާރަފްކުރިނަމަވެސް އެ މަޝްރޫއު ކުރިއަށްގެންދާނީ ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެންކަމަށް މާލެ ސިޓީ މޭޔަރު ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 
ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ޕަބްލިކް ޓްރާންސްޕޯޓްހެ ޚިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ތައްޔާރުވަމުންދާއިރު، ސިޓީ ކައުންސިލުން ވަނީ މާލޭގައި ސްކޫލް ބަހުގެ ޚިދުމަތް ތަޢާރަފްކުރުމަށް ނިންމާ ރައްޔިތުންގެ ޚިޔާލު ހޯދުމަށްވެސް ނިންމަވާފައެވެ. 
މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކާ ގުޅޭ މަޢުލޫމާތުތައް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލަުވުމުގައި ސިޓީ ކައުންސިލްގެ މޭޔަރ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަށްގެންދިޔަނަމަވެސް ސިޓީ ކައުންސިލްގެ ވިސްނުމަކީ އެ މަޝްރޫއު މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔުން ކަމަށެވެ. 
މޭޔަރު ވިދާޅުވީ މާލޭގެ ޓްރެފިކްގެ މައްސަލައަށް ހައްލެއް ހޯދުމަށް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފެށުމަކީ މުހިއްމުކަމެއްކަމަށެވެ.  އަދި ޚިދުމަތް ފަށާއިރު މާލޭގެ އެތެރޭގައި ބޭނުން ކުރާ ބަސްތަކަކީ ރަނގަޅު ފެންވަރެއްގެ ބަސްތަކަށް ވާންޖެހޭނެކަމަށާއި އަގުތަކާއި ޚިދުމަތްވެސް ރަނގަޅުވާން ޖެހޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. 
" ސްކޫލް ބަސް ތަޢާރަފްކުރުމަށްވެސް ރައްޔިތުންގެ ޚިޔާލު ބޭނުންވޭ. ދަރިވަރުން ސްކޫލްއަށް ގެންދިޔުމަށްޓަކައިވެސް ފަސޭހަވެ ޓްރެފިކްއަށްވެސް ފަސޭހަވެގެންދާނެ. މިފަހަރު މާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތް ތަޢާރަފްކޮށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދަން ބޭނުންވޭ." މާލޭގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 
މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އާ ވަނީ ހަވާލުކޮށްފައެވެ. މި ޚިދުމަށް ދިނުމުގައި ބޭނުންކުރަން ނިންމާފައި ވަނީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރޯނިކް މިނީ ބަހެވެ.
 
ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ވިދާޅުވީ މި ބަސްތަކަކީ  މާލޭގެ މަގުތަކުގައި ދުއްވަން ފަސޭހަ 6 މީޓަރުގެ ކުދި ބަސްތަކެއްކަމަށާއި، މިއީ 16 މީހުންގެ ޖާގައިގެ ބަސްތައް ކަމަށެވެ.
މިނީބަހުގެ ޚިދުމަތް ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރިތައްވަމުން އަންނަނިރު މިހާރު މާލޭގެ މަގުތައް ހެދުމުގައިވެސް އެކަމަށް ސަމާލުކަންދީގެން ކުރިއަށްގެންދާކަން ފާހަގަކުރެވެއެވެ.