 
										
			ކޯވިޑް ވެކްސިންޖެހުމުގެ މުހިއްމުކަމާއި ގުޅޭގޮތުން ޓީޗަރުންނަށް އަމާޒުކޮށް، ތަޢުލީމީ ދާއިރާގެ ވެކްސިނޭޝަން ކެމްޕެއިނެއް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ. 
މި ކެމްޕެއިން އަކީ ކޯވިޑް ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަމާ ގުޅޭ މަޢުލޫމާތު ޓީޗަރުންނާއި، ތަޢުލީމީ ދާއިރާގެ މުއައްޒަފުން މެދުވެރިކޮށް ދިނުމަށް ކުރިއަށްގެންދާ ކެމްޕެއިނެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. 
ސޯޝަލް މީޑިއާގައި މި ކެމްޕެއިން ޕްރޮމޯޓްކުރުމަށް "ހޭޝްޓެގް ދަރިވަރުންނަށްރައްކާތެރިކަން." ބޭނުންކުރާއިރު، މި ކެމްޕޭންގައި ދޭ މެސެޖަކީ  ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. 
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ކެމްޕެއިން ސްކޫލްތަކުގައާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާނެކަމަށެވެ. 
ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންނާއި ގުޅުންހުރި ހުރިހާ ފަރާތްތަކަކީވެސް ކޯވިޑް19 އިން ރައްކާތެރިވުމަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ހެދުމުގެ ގޮތުން ތަޢުލީމީ ދާއިރާގެ ގިނަ އަދަދެއްގެ މުއައްޒަފުން މިހާރުވެސް ވެކްސިން ފުރިހަމަ ކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސްކޫލްތަކުގައި ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިކަންވެސް މިނިސްޓްރީން ފާހަގަކުރައްވައެވެ. 
		
#ދަރިވަރުންނަށްރައްކާތެރިކަން
— Ministry of Education (@MoEdumv) August 5, 2021
ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒްތައް އެންމެން ފުރިހަމަ ކުރުން މުހިއްމު. https://t.co/DdwGoxqfix
			މިފަދަ ކެމްޕެއިން ފަށާފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށަންވާއިރަށް ސްކޫލްތަކުގެ މުވައްޒަފުން ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ފުރިހަމަކުރުމަށް އަންގަވާފައެވެ. އަދި ކޯވިޑް ވެކްސިންގެ އެއް ޑޯޒް ޖަހައި، ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިނުވާ މުވައްޒަފުން އެކަން ފުރިހަމަކުރުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ފުރަތަމަ ޑޯޒް ނުޖަހައި ތިބި މުވައްޒަފުންނަށްވެސް ވެކްސިން ޖެހުމަށް ފަސޭހަ ގޮތެއް ހޯދައިދޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ފަސޭހަތައް މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ހޯއްދަވައިދެއްވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު ކޮންމެ މުވައްޒަފަކީވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހަކަށް ވާންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ވެކްސިން ޖެހެން ނެތްނަމަ، އެ ސަބަބު އަންގައިދޭ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ ލިޔުމެއް ސްކޫލަށް ހުށަހެޅުމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.