ޚަބަރު

ސްކޫލްތަކުގައި ފިޔަވަޅުތައް އޮތީ ވަރުގަދަކޮށްފައި ؛ ދަރިވަރުން ސްކޫލަށް ފޮނުއްވާ


ކޯވިޑް-19އާއި ގުޅިގެން ނިމުނު ދިރާސީ އަހަރު މުޅިންހެން ކިޔެވުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. ޓިވީ މެދުވެރިކޮށްގެންނާއި ގޫގަލް ކްލާސް މެދުވެރިކޮށެވެ. ސްކޫލްތަކަށް ނިކުމެގެން ކިޔެވުން ކުރިއަށް ގެންދިޔަ ދުވަސްތަކުގައިވެސް ސެޝަންތައް ގެންދިޔައީ ކުރުކޮށެވެ. ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭން ޖެހުނު ދުވަސްވަރުވެސް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތައް އަޅާފައިވެއެވެ. އެކަމުގެ ނަތީޖާއަކަށް ވީ ސްކޫލްތެރެއިން އެއްވެސް ދަރިވަރަކަށް ކޯވިޑް ނުޖެހުމެވެ.

އަނެއްކާވެސް ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މި ފެށޭ ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ދަރިވަރުން ސްކޫލްއަށް ދާން ފަށާނެއެވެ. މިފަހަރުވެސް ކިޔަވައިދޭން އެ ފަށަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. އަދި މިފަހަރު ސްކޫލްތައް ހުޅުވާ ކިޔަވާ ދޭން ފަށާނީ ކުރިއަށްވުރެ މާ ބޮޑަށްވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުުރުމަށްފަހުގައެވެ.

ކޯވިޑްގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރި ދާއިރާތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާއަކީ ފާހަގަކޮށްލަން ޖެހޭ ދާއިރާއެކެވެ. އެތައް ދަރިވަރުންގެ ކިޔެވުމަށް ބުރުއަރާ ދަރިވަރުންނަށް ދިޔައީ އެކި ގޮތްގޮތުން އަސަރުތައް ކުރަމުންނެވެ. ޚާއްސަގޮތެއްގައި ގިނަ ދުވަސްވަންދެން ސްކޫލްއަށް ދާން ނުޖެހުމުގެ ސަބަބުން ދަރިވަރުންނަށް ވަނީ ނަފްސާނީ ގޮތުންވެސް އަސަރުތަކެއް ކޮށްފައެވެ. ސަބަބަކީ ސްކޫލްއަކީ ހަމައެކަނި ފޮތެއްގައި އޮންނަ އެއްޗެއް ކިޔަވައިދިނުމުގެ އިތުރަށް ދަރިވަރުންނަށް ކުޅިވަރުގެ އެކި ހަރަކާތްތަކާއި ގިނަ ކުދިންނާއި ބައްދަލުވެ، ވަގުތު ހޭދަކޮށްލަންވެސް ލިބޭނެ އެންމެ ރައްކާތެރި ތަނަކަށް ވުމުންނެވެ.

ސްކޫލްއަށް ހާޒިރު ނުވެ ކިޔަވަން ޖެހުމުގެ ނަތީޖާއަކަށްވީ ދަރިވަރުންނަށް ބޭނުންވާ ގޮތަށް ފިލާވަޅުތައް ނަގައިނުދެވުމާއި އިމްތިހާންތަކުގެ ބަދަލުގައި އެސެސްމެންޓްތަކެއް ހަވާލުކޮށް ދަރިވަރުންގެ ފެންވަރު ބަލަން ޖެހުމެވެ. އެހެންނަމަވެސް މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކޭސްތައް މަދުވެ، މި ފެށޭ ދިރާސީ އާ އަހަރުގެ ކިޔެވުން އެ ފަށަނީ މާ ވަރުގަދަ ފިޔަވަޅުތަކަކާއެކުގައެވެ. މިގޮތުން އާންމު ހާލަތާ އެއްގޮތަށް ކިޔެވުން ކުރިއަށް ގެންދިޔަނަމަވެސް ކިޔެވުން ކުރިއަށް ގެންދާނީ ވީހާވެސް ބޮޑަށް ތޮއްޖެހުން ކުޑަވާނެހެންނެވެ.

ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ކޮންމެ ދުވަހަކުވެސް ދަރިވަރުން ސްކޫލްއަށް ހާޒިރުވާއިރު ހުން ބެލުމާއި އަތްދޮވުމާއި ސެނިޓައިޒްކުރުމާއި ޑިސްއިންފެކްޓްކުރުން ފަދަ ކަންކަން ކުރިއަށް ގެންދާނެއެވެ. ކުރިއެކޭވެސް އެއްފަދައިން ކްލާސްރޫމްތަކުގައި ކިޔަވައިދެމުން ގެންދާނީ ގައިދުރުކަމާއެކު 3 ފޫޓު ދުރުމިނުގައެވެ. އަދި ކްލާސްރޫމްތައްވެސް ހުންނާނީ ވައި ދައުރުވާ ގޮތަށް ހުރިހާ ކުޑަދޮރުތަކެއް ހުރިހާ ވަގުތެއްގައިވެސް ހުޅުވާފައެވެ. ހައިރިސްކު ކެޓަގަރީގައި ހިމެނޭ ދަރިވަރުންނަށް ޚާއްސަ އިސްކަމެއް ދީގެން، އެކުންދިންނަށް މާސްކާއެކު ފޭސް ޝީލްޑް ބޭނުން ކުރެވޭނެއެވެ.

ސްކޫލް މާހައުލަކީ ދަރިވަރުންގެ ކުޅިވަރުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދާ މާހައުލަކަށް ވިނަމަވެސް މި ދަނޑިވަޅުގައި އެފަދަ ހަރަކާތްތަކެއް ކުރިއަށް ނުގެންދާނެއެވެ. ނަމަވެސް ހުރިހާ ދަރިވަރުންނަށްވެސް ވީހާވެސް ތޮއްޖެހުން ކުޑަވާނެހެން ގައިދުރުކޮށް ހެލިފެލިވެއުޅުމުގެ ފުރުޞަތު އެކުދިންނަށް ލިބިގެންދާނެއެވެ. ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އިތުރު ހަރަކާތްތައް ކުރިއަށް ގެންދަނީ ޢުމުރުން 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުންނަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަވުމުންނެވެ.

ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރާއްޖެއިން ބޭރުން އެނބުރިއައިސްފައިވާ ދަރިވަރުންނާއި މުވައްޒަފުންގެ ޕީ.ސީ.އާރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާކަން ކަށަވަރުކުރާނެއެވެ. މީގެތެރޭގައި މޮނިޓަރިންގެ ޙާލަތުގައިވާ ރަށްރަށުން ދަތުރުކުރާ ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުންވެސް ހިމެނެއެވެ.

މިފަދަ މުހިއްމު އުޞޫލްތަކައް ކަނޑައަޅާފައި މިވަނީ ހަމަގައިމުވެސް ދަރިވަރުންގެ ސަލާމަތަށްޓަކައެވެ. މި ފިޔަވަޅު ތަކުގެ ތެރެއިންވެސް އެންމެ މުހިއްމު އެއްކަމަކީ ވެކްސިން ފުރިހަމަ ކުރުމެވެ. މިގޮތުން ދަރިވަރުން ފިޔަވާ ސްކޫލްއަށް ދެން ވަދެވޭ މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައި ތިބި ބަޔަކަށް ވާންޖެހެއެވެ. މީގެއިތުރުން ހުރިހާ ޓީޗަރުން ވެކްސިން ފުރިހަމަކުރުމުގެ މަސައްކަތް ދަނީ ކުރިއަށްކަންވެސް ފާހަގަކޮށްލެވެއެވެ.

ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ސްކޫލްތަކުގައި މިވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެހެންކަމުން އެ ދަރިވަރުންގެ މުސްތަޤްބަލަށްޓަކައި ސްކޫލްއަށް ފޮނުވުމަށް ބެލެނިވެރިން ފަސް ޖެހެންޖެހޭ އެއްވެސް ސަބަބެއް ނެތްއިރު، ކުދިން ސްކޫލަށް ނުފޮނުވައި ގޭގައި ބައިތިއްބައިފިނަމަ އެކުދިންނަށް އެދެވެނީ ވަރަށް ބޮޑު ދެރައެކެވެ.