ޚަބަރު

ޕްރިމިއަރ ލީގުގެ ރެކޯޑް އަގަކަށް ގްރީލިޝް ގަންނަނީ


ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މޮޅު ކުޅުމެއްދެއްކި އެސްޓަން ވިލާ އަދި އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް ހޯދުމަށް މެންޗެސްޓަރ ސިޓީން 139 މިލިއަން ޑޮލަރު ހުށައަޅާފައިވާކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

މީގެ ކުރިން ޕްރިލިއަރ ލީގުގެ ކުލަބަކުން މިހާ ބޮނޑު އަދަދެއް އެއްވެސް ކުޅުންތެެރިއަކުން ގަންގަން ހުށައަޅާފައެއް ނުވެއެވެ. މިހާތަނަށް އެންމެ ބޮޑު އަދަދެއް ކުޅުންތެރިއަކު ގަތުމަށް ޕްރިމިއަރ ލީގްގެ ކުލަބަކުން ޚަރަދުކޮށްފައިވަނީ މެންޗެންސްޓަރ ޔުނައިޓަޑްއެވެ. އެއީ 2016ވަނަ އަހަރު ޔުވެންޓަސްއިން ޕޯލް ޕޮޖްބާ ގަތުމަށް ޚަރަދު ކުރި 124 މިލިއަން ޑޮލަރެވެ.

ރިކޯޑަކަށް ގްރީލިޝް ގަތުމަށް ސިޓީން 139 މިލިއަން ޑޮލަރު މިދިޔަ ހުކުރު ދުވަހު އެސްޓަން ވިލާއަށް ހުށައަޅާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާވަނީ ގްރީލިޝް ބޭނުންވާކަމަށް ބުނެފައެވެ. އަދި ޗުއްޓީ ހޭދަ ކުރުމަށްފަހު ގްރީލިޝް އެސްޓަން ވިލާގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވަނީ މީގެ ކުޑަ ދުވަސްކޮޅެއްް ކުރިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެސްޓަން ވިލާއިން މިއަގަށް ގްރީލިޝް ވިއްކާލުމަށް މިހާރުވަނީ އެއްްބަސްވެފައެވެ. އެހެންކަމުން ސިޓީން ބޭނުންވަނީ މި މަހުގެ ހަތްވަނަ ދުވަހު ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގެ ކުރިން ގްރީލިޝް އެ ޓީމުގެ ކުޅުންތެެރިއަކަށް ހެދުމަށެވެ.

25 އަހަރުގެ ޖެކް ގްރީލިޝްވެސް މިހާރު ބޭނުންވަނީ ސިޓީއަށް ބަދަލުވާންކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. އެސްޓަން ވިލާއަށް މިހާތަނަށް 213 މެޗު ކުޅެދީފައިވާ ގްރީލިޝްވަނީ އެޓީމަށް 32 ގޯލު ޖަހާދީފައެވެ. ގްރީލިޝްގެ އިތުރުން ޓޮޓްނަމް ހޮޓްސްޕަރގެ ހެރީ ކޭން ގަތުމަށްވެސް ސިޓީން 139 މިލިއަން ޑޮލަރު ޚަދަރު ކުރުމަށް ތައްޔާރަށް އޮތްކަމަށް ރިޕޯޓުތަކުން ބުނެއެވެ.