ޚަބަރު

ނެދަލަންޑްސްގެ އައު ކޯޗަކަށް ލުއި ވެން ގާލް ހަމަޖައްސައިފި


ނެދަލަންޑްސް ޤައުމީ ޓީމުގެ އައު ކޯޗަކަށް ލުއި ވެން ގާލް ހަމަޖައްސައިފިއެވެ. މިއީ އޭނާ ނެދަލަންޑްސްގެ ކޯޗުކަމާއި ހަވާލުވި ތިންވަނަ ފަހަރެވެ.

މި މަޤާމާއި ވެން ގާލް ހަވާލުވީ ޔޫރޯ 2020ގެ ފަހު 16 ޓީމުގެ ބުރުގައި ޗެކް ރިޕަބްލިކް އަތުން ނެދަލަންޑްސް ބަލިވުމާއި ގުޅިގެން ފްރޭންކް ޑި ބޯ މަޤާމުން އިސްތިޢުފާ ދިނުމުގެ ސަބަބުން މަޤާމު ހުސްވެފައިވަނިކޮށެވެ. ވެން ގާލްވަނީ ނެދަލަންދްސްގެ ކޯޗުކަން 2000ވަނަ އަހަރުން 2002ވަނަ އަހަރަށް އަދި 2012ވަނަ އަހަރުން 2014ވަނަ އަހަރަށް ކޮށްފައެވެ. 2016ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމުން ވަކިކުރިފަހުން މިހާތަނަށް ވެން ގާލް އެއްވެސް ޓީމެއްގެ ކޯޗުކަން ކޮށްފައެއްނުވެއެވެ.

ކޯޗުކަމާއި ހަވާލުވުމަށްފަހު ވެން ގާލް ބުނީ ނެދަލަންޑްސްގެ ފުޓުބޯޅައަކީ އޭނާގެ ޙަޔާތުގެ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި ނެދަލަންޑްސްގެ ޤައުމީ ޓީމަށް ކޯޗު ކޮށްދިނުމަކީ އޭނާއަށް އާދަޔާ ޚިލާފު އުފަލެއް ލިބޭ ކަމެއް ކަމަށެވެ. ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަރލްޑް ކަޕް ކޮލިފައިންގެ މުހިންމު ތިން މެޗު ނެދަލަންޑްސްއަށް އޮތުމުން ޔޫރޯއިން ކުރިމަތިވި ނާކާމިޔާބީތަށް ފަހަތަށް ޖައްސާލާ އައު ފެށުމަކުން ފެށުމަށް ތިބީ ބޭނުންވެފައެވެ.

ވެން ގާލް ބުނީ ކޮލިފައިންގެ މެޗު ތަކާއި ދެމެދު މިހާރު ދެން މާގިނަ ދުވަސްތަކެއް ނެތުމުން މިވަގުތުން ފެށިގެން ކުޅުންތެރިންނަށް ވިސްނަމުންދާކަމަށެވެ. ވެންގާލް ވަނީ އޭނާގެ ކޯޗިންގ ކެރިއަރުގައި 20 ތައްޓެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އަޔެކްސް އެމްސްޓަޑަމްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން ބާސެލޯނާއާއި ބަޔޭން މިޔުނިކާއެކުވެސް ކާމިޔާބީތަކެއް ހާސިލުކޮށްފައިވެއެވެ.