ޚަބަރު

މަލްމޯއާއި ރޭންޖަރސް ބައްދަލުކުރި ފުރަތަމަ ލެގް މަލްމޯ ކާމިޔާބުކޮށްފި


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަށްޓަކައި މިހާރު ކުޅެމުންދާ ކޮލިފައިންގެ ތިންވަނަ ބުރުގައި ސްވިޑްންގެ މަލްމޯއާއި ސްކޮޓްލަންޑްގެ ރޭންޖަރސް ބައްދަލުކުރި ފުރަތަމަ ލެގްގެ މެޗު މަލްމޯ ކާމިޔާބުކޮށްފިއެވެ. މި މެޗު މަލްމޯ ކާމިޔާބުކުރީ އަމިއްލަ ދަނޑުގައި ކުޅެ 2 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މާރަނގަޅު ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. މިގޮތުން މުޅި މެޗުގައިވެސް މަލްމޯއިން ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ ދެ ހަމަލާއެވެ. އެ ދެ ހަމަލާވެސް އެއީ އެޓީމުން ޖެހި ދެ ލަނޑެވެ. ހަމަ އެއާއެކު ރޭންޖަރސްއަށްވެސް އުފެއްދިފައިވަނީ އެންމެ ހަމަލާއެކެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 47ވަނަ މިނެޓުގައި ޖަހާފައިވަނީ މަލްމޯގެ ސޮރެން ރިއެކްސްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު އޭގެ ދެ މިނެޓުފަހުން ޖަހާދިނީ ވެލްކޯ ބަރމެންސެވިޗްއެވެ. މި މެޗުގައި ރޭންޖަރސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ޖަހާދިނީ ސްޓީވެން ޑޭވިސްއެވެ. މި ލަނޑާއެކު މިއަންނަ އަންގާރަ ދުވަހު ކުޅޭ ދެވަނަ ލެގާ ކުރިމަތިލާއިރު ރޭންޖަރސްއަށް އޮތް ފުރުސަތު ބޮޑު ކަމަށް ގިނަ ބަޔަކު ޤާބޫލުކުރެއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ރޭންޖަރސްގެ ކޯޗު ސްޓީވެން ޖެރާޑް ބުނީ ދެވަނަ ލެގާއި މިގޮތަށް ކުރިމަތިލާން އެޓީމުން ބޭނުން ނުވާ ކަމަށާއި ނަމަވެސް 2 ލަނޑު ސުން ލަނޑަށްވުރެ މި ނަތީޖާ ހިތްހަމަ ޖެހޭ ކަމަށެވެ.

ތިންވަނަ ބުރުގެ ކޮލިފައިންގެ ފުރަތަމަ ލެގްގައި ކްލޫޖް އާއި ޝަކްޓާ ޑޮނެސްކް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2 ލަނޑު އެއް ލަނޑުން ކާމިޔާބުކުރީ ޝަކްޓާ ޑޮނެސްކްއެވެ.